މި އެއްބަސްވުމުގެ ދަށުން، އޯޑިނަރީ ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި މަޑުކުރެވޭނެ އެވެ.

ދިވެހިންނަށް ވިސާ އާ ނުލައި 90 ދުވަހުގެ މުއްދަތަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތް ހަދައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ އާއި އަޒަރުބައިޖާންއާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދު އަމަލުކުރަން ފަށާފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، އޯޑިނަރީ ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި މަޑުކުރެވޭނެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭގޮތަށް ވަނީ ދެ ހައުމުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފަ އެވެ.
ނަމަވެސް، އެ ގައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި ތައުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި އެއްބަސްވުމަށް އަމަލުކުރަން ފެށިގެން ދިއުމަކީ ދިވެހީންނަށް ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.