ޑރ. ޕަވިތުރަންއަކީ ދިވެހިންގެ ގިނަ ބަޔަކު ފަރުއަށްދާ އިންށިއާގެ އަމްރިތާ ހޮސްޕިޓަލުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ.

ދިވެހިންގެ ގިނަ ބަޔަކު ދަންނަ އަދި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ކެންސަރުގެ ބައްޔަށް ފަރުވާ ދެއްވާ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކެންސަރު ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ޑރ. ޕަވިތުރަން ނިޔާވެއްޖެ އެވެ.
ކެންސަރުގެ ބަލިތަކަށް ފަރުވާ ދިނުމުގައި އިންޑިއާގައި ފާހަގަކޮށްލެވޭ އެންމެ މޮޅު އެއް ޑޮކްޓަރު ކަމަށްވާ ޑރ. ޕަވިތުރަން ނިޔާވީ ބަނޑުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އޭނާވަނީ އަމިއްލަފުޅަށް ބަލިހާލަތުގައި އުޅުއްވިއިރުވެސް، ބަލިމީހުން ބައްލަވައި އެމީހުންނަށް އުންމީދު އާކޮށްދިނުމުގައި އޭނާ ދެމިހުންނެވިކަން ހޮސްޕިޓަލުން ފާހަގަކޮށްލެވެ އެވެ.
މަޝްހޫރު ޑރ. ނިޔާވުމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ޑރ. ޕަވިތުރަން އަވަހާރަވި ހަބަރު އެހީ ފުން ހިތާމައަކާ އެކުގައި ކަމަށެވެ. އަމްްރިތާ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޔުނިޓުގެ މައި ތަނބުގެ ގޮތުގައި ހުންނަވައި، އޭނާ ވަނީ ގިނަގުނަ ބަލި މީހުންގެ ހަޔާތާ ގުޅިފަ އެވެ.
"ހާއްސަކޮށް ރާއްޖޭގެ ގިނަ ބަޔަކަށް އޭނާގެ ފަރާތުން ވަނީ އެހީތެރިކަން ލިބިފައި. ބަލި މީހުންނަށް ޝިފާ ހޯދައިދިނުމުގައި އޭނާ ބެހެއްޓެވި އޯގާތެރިކަމާއި ސާބިތުކަން އަބަދު ވެސް ހަނދާން ހުންނާނެ. މި ދަތި އުނދަގޫ ވަގުތުގައި އޭނާގެ އާއިލާއަށާއި އަމްރިތާ ހޮސްޕިޓަލުގެ މުޅި ޓީމަށް އިހުލާސްތެރި ތައުޒިޔާ ރައްދުކުރަން،" ހުޅުމާލެ ހޮސްޕިޓަލުގެ ބަޔާނުގައިވެ އެވެ.
ޑރ. ޕަވިތުރަންއަކީ ދިވެހިންގެ ގިނަ ބަޔަކު ފަރުއަށްދާ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ހީމަޓޮލޮޖީ (ލޭގެ ބަލިތައް) އަދި ކެންސަރުގެ ބަލިތަކުގައި 34 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވެ އެވެ.އޭނާ ވަނީ ކެންސަރާ ގުޅޭ 300 އަށްވުރެ ގިނަ ރިސާޗް ކަރުދާސް ޝާއިއުކުރައްވައި، ކެންސަރާ ގުޅޭ ދެ ފޮތެއް ވެސް އެޑިޓްކުރައްވާފަ އެވެ.