ދައުލަތުގެ ސެކިއުރިޓީޒްގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކޮށްފައިވާ އިންސްޓްރޫމަންޓްތަކުގަ އެވެ. މީގެ އިތުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތުގެ ބޮންޑުތަކަށް 21.4 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

ސަރުކާރުގެ ހަރަދުތައް މެނޭޖުކުރަން އެތެރެއިން ސެކިއިޓީސް ވިއްކައިގެން އާމްދަނީ ހޯދުމުގެ ގޮތުން އެއް ބިލިއަނަށްވުރެ ގިނަ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލަައިފި އެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން ވިއްކަން ހުޅުވާލި ޓީބިލްގެ ތެރޭގައި ހިމެނެނީ 28 ދުވަހުގެ މުއްދަތު ހަމަވާ 315 މިލިއަން ރުފިޔާ ޓީބިލް އަކާއި 91 ދުވަހުގެ މުއްދަތު ހަމަވާ 55 މިލިއަން ރުފިޔާގެ ޓީބިލް އަދި 182 ދުވަހުގެ މުއްދަތަށް ހަމަވާ 140 މިލިއަން ރުފިޔާގެ ޓީބިލްގެ އިތުރުން 364 ދުވަހުގެ މުއްދަތު ހަމަވާ 509.6 މިލިއަން ރުފިޔާގެ ޓީބިލް އެކެވެ.
ބޮޑު އަދަދުން ޓީބިލް ވިއްކަން ހުޅުވާލިއިރު، ފިނޭންސުގެ އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަށް ދައްކާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ދޫކޮށްފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަދަދު 95.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. މީގެ ތެރޭގައި ހިމެނެނީ ޓީބިލްގެ ގޮތުގައި ހުރި ދިވެހި ރުފިޔާގެ 42.2 ބިލިއަން ރުފިޔާ އާއި ޑޮލަރުން ހުރި 3.9 ބިލިއަން ރުފިޔާގެ ޓީބިލް އަދި ޓްރެޜަރީ ބޮންޑުގެ ގޮތުގައި ހުރި 29.3 ބިލިއަން ރުފިޔާ އަދި ޑޮލަރުން ހުރި 13.2 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑް އަދި އިސްލާމިކް އިންސްޓްރޫމަންޓްސްގެ ގޮތުގައި ހުރި 5.6 ބިލިއަން ރުފިޔާ އެވެ.
ފިނޭންސުން ބުނީ ދައުލަތުގެ ސެކިއުރިޓީޒްގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކޮށްފައިވާ އިންސްޓްރޫމަންޓްތަކުގަ އެވެ. މީގެ އިތުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތުގެ ބޮންޑުތަކަށް 21.4 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އަދި މި ވަސީލަތްތަކުގެ ތެރޭން ބޭރުގެ ބާޒާރަށް ދޫކޮށްފައިވާ ބޮންޑުގެ އަދަދަކީ 1.5 ބިލިއަން ރުފިޔާ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަންޏާއެކު 126 ބިލިއަން ރުފިޔާއަށްވުރެ މަތީގަ އެވެ. އަދި ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ޖުމްލަ ދަރަނި ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން %110 އަށްވުރެ މަތީގައެވެ.