މުޒާހާތަކުގައި އާންމު އިޖްތިމާއީ މިންގަނޑާ ހިލާފަށް ވާހަކަ ދެއްކުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް
އާންމު އިޖްތިމާއީ މިންގަނޑާ ހިލާފަށް ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ފާޑު ނުކިޔަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންގައިފި އެވެ.
އީސީން މި އެންގުން އެންގީ ޕީއެންއެފް އިން މާލޭގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަގުމަތީގައި ސޯފާއެއް ބަހައްޓައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ކުރަމުން އަންނަ ތުހުމަތުތަކާ ގުޅިގެންނެވެ. އެއީ "އަދަދު" އިން އެމަނިކުފާނު ނަހަމަ ގުޅުމެއް ބޭއްވި ކަމަށް ބުނެ ހެދި ޑޮކިއުމެންޓްރީ އާ ގުޅިގެން ކުރަމުން އަންނަ ތުހުމަތުތަކެކެވެ.
އެ މައްސަލާގައި އީސީން ޔާމީނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މުޒާހާތަކުގައި އާންމު އިޖްތިމާއީ މިންގަނޑާ ހިލާފަށް ވާހަކަ ދެއްކުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ.
އެހެންކަމުން އެފަދަ އެއްވުންތަކުގައި ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތް ކުރާ މީހުންގެ އަމިއްލަ ދިރިއުޅުމަށް ފާޑު ނުކިޔުމަށާއި މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދޭ ފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެ ކޮމިޝަނުން އެންގި އެވެ.
އޭގެ އިތުރުން ގާނޫނުން ހުއްދަކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާއްމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ނުބާއްވަން ވެސް އެ ކޮމިޝަނުން އެންގި އެވެ.
ޕީއެންއެފްގެ މުޒާހަރާތަކުގައި އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު ވާހަކަ ދައްކާ ކަމަށް ބުނެ ޗެނަލް 13 އިން ބްރޯޑްކާސްޓު ނުކުރަން މީޑިއާ ކޮމިޝަނުން ވެސް ވަނީ އަންގާފައި އެވެ.