އެ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ނަފްސާނީ ބަލިތަކާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު، ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފަ އެވެ.

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، އެ ދާއިރާއިން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުލުހުންގެ ހިދުމަތާއި ހެލްތު މިިނިސްޓްރީން މަޝްވަރާކޮށްފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ހެލްތު މިނިސްޓަރު ގީލާ އަލީ ބައްދަލުކުރައްވައި، ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
އޭގެ އިތުރުން، އެ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ނަފްސާނީ ބަލިތަކާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު، ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ސީޕީގެ ފަރާތްޕުޅުން މިނިސްޓަރާ ހިއްސާކުރައްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ބައްދަލުވުމުގައި، ހުރިހާ އުމުރުފުރާތަކަކަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފެށުމާއި، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލަސްނުވެ އެންމެ ފުރިހަމަ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވާފަ އެވެ.