މިގޮތުން، މިދިޔަ އެމްޑީޕީ ސަރުކާރުގައި ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން އެތައް ހާސް ގޯތި ދޫކުރަން ނިންމާފައިވާއިރު، މާލެ ސަރަހައްދުން އިތުރަށް ބޯހިޔާވަހިކަން ދޭނެ ޖާގައެއް ނެތް ކަން މުއްތަލިބު ފާހަގަކުރެއްވި އެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބިޔަ ބިން ހިއްކުމުގެ މަޝްރޫއު، ރަސްމާލެއަށް ސަރުކާރާ ދެކޮޅު ފަރާތްތަކުން އިސްވެ އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ރައްދު ދެއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަސްމާލެ ހިއްކުމާ ގުޅުވައި އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫއުއަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން، މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށެވެ.
މިގޮތުން، މިދިޔަ އެމްޑީޕީ ސަރުކާރުގައި ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން އެތައް ހާސް ގޯތި ދޫކުރަން ނިންމާފައިވާއިރު، މާލެ ސަރަހައްދުން އިތުރަށް ބޯހިޔާވަހިކަން ދޭނެ ޖާގައެއް ނެތް ކަން މުއްތަލިބު ފާހަގަކުރެއްވި އެވެ.
މުއްތަލިބު ވިދާޅުވީ، މިހާރު ހިއްކާފައި އޮތް ސަރަހައްދުތަކުން އެންމެ ގިނަވެގެން އެޅޭނީ 12،000 ފްލެޓު ކަމަށެވެ.
"އެހެންވީމަ ރަސްމާލެއަކީ މުސްތަގުބަލަށް ރިއާޔަތްކޮށް ހިންގަން މަޖުބޫރު މަޝްރޫއުއެއް. ރައީސްގެ ތަސައްވުރަކީ 20 އަހަރުގެ ޕްލޭނެއް. މިއީ ހިންގަން މަޖުބޫރު މަޝްރޫއެއް،" އޭނާ ވިދާޅުވި އެވެ.
ރަސްމާލޭން ޖުމްލަ 1،009 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު، މިހާރު ވަނީ އޭގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކައިފަ އެވެ.
ގޯއްޗާއި ފްލެޓު ހިމަނައިގެން، ރަސްމާލެން 65،000 ގެދޮރު ދޫކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.