އެކަން އެ ގޮތަށް މެދުވަރިވަނީ، މުއްތަލިބު ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖު ފަދަ މަޝްރޫއުއެއް ހިންގުމުގެ ގާބިލުކަން އެފްކޮންސްގައި ނެތުމުންނެވެ.

ތިލަމާލެ ބްރިޖު މަޝްރޫއު ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ އެފަދަ މަޝްރޫއުއެއް މީގެ ކުރިން ހިންގާފައިވާ ކުންފުންޏަކަށް ނުވާތީ، ގަދަ ކަނޑުގައި އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް "ދަސްކުރަން" ވަގުތު ނެގި ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިލަމާލެ ބްރިޖު މަޝްރޫއު ލަސްވަމުން ދިޔުމާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މުއްތަލިބު ވިދާޅުވީ، އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީގެން ވެސް އެ މަޝްރޫއު އެކަށީގެންވާ ބާރު މިނުގައި ކުރިއަށް ނުދާ ކަމަށެވެ.
އެކަން އެ ގޮތަށް މެދުވަރިވަނީ، މުއްތަލިބު ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖު ފަދަ މަޝްރޫއުއެއް ހިންގުމުގެ ގާބިލުކަން އެފްކޮންސްގައި ނެތުމުންނެވެ.

"ގަދަ ކަނޑުގައި އެފަދަ މަޝްރޫއުއެއް ހިންގާނެ ގޮތް ދަސްކުރަން ވެސް ވަގުތު ނެގި،" އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ ތާރީހު އަނެއްކާވެސް އިތުރުކޮށްނުދީ ޖޫރިމަނާކޮށްފިނަމަ، މުޅި މަޝްރޫއު ހުއްޓޭނެ ކަމަށެވެ.
އެހެންކަމުން، ސަރުކާރުގެ ވިސްނުމަކީ، އެ ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދީގެން ވީހާވެސް އަވަހަކަށް މަޝްރޫއު ނިންމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަނުޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.