ލައިވް މެދު ކަނޑާލަން އެންގީ އާންމު އިޖުތިމާއީ މިންގަނޑާއި މީޑިއާގެ ސުލޫކީ މިންގަނޑާއި ހިލާފު ވާހަކަތައް ދައްކާތީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފް އިން މާލޭގައި ކުރިޔަށް ގެންދާ މުޒާހަރާތައް ލައިވް ނުކުރަން މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ޗެނަލް 13 އަށް އަންގައިފި އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ކޮންމެ ރެއަކު ބާއްވާ މުޒާހަރާތަކާ ގުޅޭ ގޮތުން އެމްއެމްބީސީގެ އެސްޖީ ސޮއި ކުރައްވާ ޗެނަލް 13 އަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ އެ މުޒާހަރާ އިން ފެންނަ މަންޒަރުތަކާއި އެކިއެކި މީހުން ދައްކާ ވާހަކަތަކުގައި އާންމު އިޖުތިމާއީ މިންގަނޑާއި މީޑިއާގެ ސުލޫކީ މިންގަނޑާއި ހިލާފު ކަންކަން ހިމެނޭ ކަމަށެވެ.
ޕީއެންއެފްގެ މުޒާހަރާ ލައިވްކުރުމުގައި އެއް މިނެޓު ލަސްކޮށް ލައިވް ބްރޮޑްކާސްޓްކުރުމަށް މި މަހުގެ 20 ވަނަ ދުވަހު އަންގާފައިވާ ކަމަށާއި އެކަން އެގޮތަށް ކުރުމަށް ދެ ފަހަރެއްގެ މަތިން ފޯނުން ގުޅައިގެން ވެސް ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
ނަމަވެސް ތަކުރާރުކޮށް އެ އެންގުމާ ހިލާފަށް އަމަލު ކޮށްފައިވާތީ ޕީއެންއެފްގެ މުޒާހަރާ ލައިވްކުރުން މެދުކަނޑާލަން އަންގާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ޗެނަލް 13 އަށް އެ ސިޓީ ފޮނުވި އިރު ރޭގެ ވަގުތެއްގައި އަދަދު ނޫހަށް ވެސް ވަނީ ފުލުހުން ވަދެ ބަލައި ފާސްކޮށްފަ އެވެ. ފުލުހުން އެ އޮޕަރޭޝަން ހިންގީ އެ ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ބޮޑެތި ތުހުމަތުކޮށް ހެދި ޑޮކިއުމެންޓްރީގެ މައްސަލައިގައި އެވެ.