ހައްޔަރު ކުރިޔަސް ދެން މި ގައުމު ބަދަލު ނުވެ ނޯންނާނެ: ފައްޔާޒް

ރައްޔިތުންގެ 70 ޕަސެންޓުން ނޫނެކޭ ބުނުމުން އެފަދަ ކަންކަން ފެންނާނެ ކަމަށް އޭނާ ވިދާޅުވި

ފައްޔާޒް އިސްމާއިލް--ފޮޓޯ: އެމްޑީޕީ

ސަރުކާރުން މީޑިއާތަކާއި ސިޔާސީ މީހުންގެ ފަހަތުން އައިސް ހައްޔަރު ކުރިޔަސް ދެން ގައުމު ބޮޑު ބަދަލަކަށް ނުގޮސް ނޯންނާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ އޭނާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން "ބޮޑު ބަދަލު" ގެ ނަމުގައި ކުރިޔަށް ގެންދަވާ ކެމްޕެއިންގެ ތެރެއިން މިރޭ ގަލޮޅު ކަންމަތީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒް ވިދަޅުވީ މީގެ 20 އަހަރު ކުރިން ރައްޔިތުން ބުރަ މަސައްކަތުން ގެނައި ގާނޫނުއަސާސީން ލިބުނު ރަނގަޅު ކަންކަން ގެއްލިގެންދާ މަންޒަރު މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ.

މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ މިރޭ އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ހިންގުމެވެ. 

އެކަމާއި ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނަތީޖާ އާ ގުޅުވައި ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ 70 ޕަސެންޓުން ނޫނެކޭ ބުނުމުން އެފަދަ ކަންކަން ފެންނާނެ ކަމަށެވެ. އަދި ފަހުން ސިޔާސީ މީހުން ވެސް ހައްޔަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހުން ކިތަންމެ ވަރަކަށް ހައްޔަރު ކުރިޔަސް ނޫސްތައް ބަންދު ކުރިޔަސް ދެނެއް މި ގައުމު ބަދަލު ނުވެއެއް ނޯންނާނެ." އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި މިހާރު ނިޒާމު ތަރުތީބުވެފައި އޮތް ގޮތުން ސަރުކާރުގެ ބާރު މާ ގަދަ އެވެ. މަޖިލީހަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ތަނަކަށް ވާނެ ކަމަސް އުންމީދު ކުރި ކަމަށާއި ފަނޑިޔާރު ގެއަކީ ވެސް މީހަކަސް ބެލުމެއް ނެތި އިންސާފު ގާއިމް ކުރާނެ ތަނަކަށް ވާނެ ކަމަށް ރައްޔިތުން ގަބޫލު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.


"އެކަން އެގޮތަށް ވި ތަނެއް ނުފެނުނު. އެހެންވީމަ އަނެއްކާވެސް މި ބުނަނީ ބޮޑު ބަދަލުތަކެއް އަންނަން ޖެހޭ." ފައްޔާޒް ވިދާޅުވި އެވެ. 

ބޮޑު ބަދަލު ގެންނަން އެމްޑީޕީން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ނަމަވެސް މިހާތަނަށް އެ ޕާޓީ އަށް ރައްޔިތުންނަށް މަގު ދައްކާ ދެވިފައި ނުވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޕާޓީ ބައިބައިވެފައި އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު މަސައްކަތް ކޮށްގެން ބައިބައިވުން މި އޮތީ ވަރަށް ބޮޑަށް އެއްވެފައި. އަޅުގަނޑުމެންނަށް ކުރިމަގު ވަރަށް ސާފުކޮށް މިހާރު އެބަ ފެނޭ." އޭނާ ވިދާޅުވި އެވެ. 

ފައްޔާޒް ވަނީ ނަޝީދާ ދެ ބޭފުޅުން އިސްވެ ހުންނަވައިގެން ވެރިކަން ކުރައްވާނެ ގޮތަށް އަދި ގާނޫނުއަސާސީ އަށް އިތުރު ބޮޑެތި އިސްލާހުތަކެއް ގެންނަން ނިންމައިފަ އެވެ. އެ ބަދަލުތައް ގެންނަން މި ސަރުކާރާ މަޝްވަރާ ކުރާނެ ކަމަށާއި އެކަން ނުވެއްޖެ ނަމަ 2028 ގައި ވެރިކަމަށް އައުމަށް ފަހު އެ ބަދަލުތައް ގެންނާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.