އެ ތުހުމަތުތަކާ ގުޅޭގޮތުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ސުވާލުކުރުމުން، ރައީސް ވަނީ ވަރަށް ސާފުކޮށް އެކަން ދޮގުކުރައްވައިފަ އެވެ.

ރައީސް އޮފީހުގެ ތެރޭގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކާ އެކު ނަހަމަ ގުޅުމެއް ބޭއްވެވިކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވައި، އެފަދަ ދޮގު ވާހަކަތައް ފެތުރި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ކަމާބެހޭ ފަރާތްތަކުގައި ދަންނަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
'އަދަދު' ނޫހުން އާންމު ކުރި ވީޑިއޯއެއްގައި ކާކުކަން ނޭނގޭ ގޮތަށް، އަންހެނަކު ވަނީ ރައީސް މުއިއްޒުއާ ނަހަމަ ގުޅުންތަކެއް ބޭއްވިކަމަށް ތުހުމަތުކޮށްފަ އެވެ.
އެ ތުހުމަތުތަކާ ގުޅޭގޮތުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ސުވާލުކުރުމުން، ރައީސް ވަނީ ވަރަށް ސާފުކޮށް އެކަން ދޮގުކުރައްވައިފަ އެވެ.
"ކަނޑައެޅިގެން ދޮގު ވާހަކައެއް އިނގޭތޯ. އަދަދު ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި މިއަދު އެ ސުވާލު އަމާޒުކޮށްގެން، ދޮގު ވީޑިއޯއެއް ހެދި ކަމަށް 'އަދަދު' ނޫހުން "އިއުތިރާފު" ވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" އެ މަނިކުފާނު ވިދާޅުވި އެވެ.
'އަދަދު' ނޫހުން އެ ވީޑިއޯ އާންމުކުރިތާ އެތައް ހަފްތާއެއް ވެފައިވިޔަސް، މިއީ އެކަމާ ގުޅޭގޮތުން ރައީސް އާ ސުވާލުކުރި ފުރަތަމަ ފަހަރެވެ.