މިދިޔަ އަހަރުގެ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ދިވެހި ކުންފުނިތަކަށް ޖުމްލަ 3.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި.

ރާއްޖޭން ނަގާފައިވާ ބޭރާއި އެތެރޭގެ ދަރަނި މެނޭޖުކުރުމުގައި ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ބޭރާއި އެތެރޭގެ ދަރަނި މެނޭޖުކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ އިރު، މި މަހުގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކާއި އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަދާކޮށްފައިވާ ކަމަށެވެ.
ބޭރުގެ ދަރަނީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ވެސް ސަރުކާރުން ދަނީ ދޫކުރަމުންނެވެ.
އެ ގޮތުން، މިދިޔަ އަހަރުގެ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ދިވެހި ކުންފުނިތަކަށް ޖުމްލަ 3.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި، މި ހަފުތާގެ ތެރޭގައި އިތުރު 260 މިލިއަން ރުފިޔާ ދޫކުރާނެކަން އެ މަނިކުފާނު ހާމަކުރެއްވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ ވީހާ ވެސް ބޮޑަކަށް ރައްޔިތުންނަށް ދަތިވާ ކަންތައްތައް، ރައްޔިތުންނަށް ދޭން ހުރި ފައިސާ ވެސް ދެމުން، ރައްޔިތުން ބޮލުގައި އަޅުވާފައި ކުރިން އޮތް ދަރަނިތައް ބޮލުން ނައްޓާލަން،" ރައީސް ވިދާޅުވި އެވެ.