ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ފަރުވާ ދޭ ހޮސްޕިޓަލެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުން ހަރަދުކޮށްގެން މާލެ ސަރަހައްދުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި އެފަދަ ފަރުވާ ދޭ ހޮސްޕިޓަލެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އަޅަން މީގެ ކުރިން އިއުލާނުކޮށްފައި ވަނީ ބޭރުގެ ލޯނު އެހީއެއް ހޯދައިގެން ކަމަށެވެ. ނަމަވެސް އެ އެހީ ލިބުން ލަސްވެފައިވާތީ، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އެ މަސައްކަތް އަވަސް ކުރަން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން ވަނީ ބޭރު ލޯނުގެ އެހީގައި ލ. ގަމުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އަޅަން އިއުލާނުކޮށްފަ އެވެ. އެކަމަށް 14،000 އަކަފޫޓުގެ ބިމެއްވެސް ވަނީ ހަމަޖައްސައިފަ އެވެ. ރައީސް ވިދާޅުވީ މާލޭގައި އެފަދަ ހޮސްޕިޓަލެއް ގާއިމްކުރަން ހަމަ އެވަރުގެ ބިމެއް މިހާރު ހޯދާފައިވާ ކަމަށެވެ.
"އޮރިޖިނަލީ ލޯނު އެހީގައި އަޅަން ނިންމާފައި އޮތް ހޮސްޕިޓަލް އަޅަން އޮތީ ލ. ގަމުގައި. އެ ޕްރޮޖެކްޓް ހަމަ އެތަނުގައި ކުރިއަށް ގެންދިއުން އެގޮތުގައި ބާއްވާފައި އެ ޕްރޮޖެކްޓް ކެންސަލް ނުކޮށް، މި ދެންނެވިހެން އެއަށް ފަހުން ގޮތެއް ނިންމާނީ، މާލޭގައި މި ހޮސްޕިޓަލް އަޅަން މި ނިންމީ މިހާރު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނަފްސާނީ މައްސަލަތައް ހުންނަ މީހުން އެންމެ ގިނައީވެސް މާލެ ސަރަހައްދުގައި ކަމަށެވެ.
އެގޮތުން މެންޓަލް ހެލްތު ކޮންސަލްޓޭޝަނަށް މިއަހަރުގެ ޖެނުވަރީ 1 ވަނަ ދުވަހުން ފެށިގެން މިމަހުގެ 24 އާ ހަމައަށް ޖުމްލަ 10،954 މީހުންނަށް އާސަންދަ ފޯރުކޮށްދީފައިވާއިރު، އޭގެތެރެއިން 8،125 މީހުންނަކީ މާލެއިން ހިދުމަތް ހޯދި މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.
ބުލީ ކުރުން ހުއްޓުވުމަށް ގާނޫނެއް ފަރުމާ ކުރަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ. އެގޮތުން ބުލީ ކުރުމާއި ފުރައްސާރަ ކުރުމުގެ އަމަލުތަކާއި، މީހުންގެ ހައްގުތަކަކާއި އެކަމަށް އެޅޭނެ ފިޔަވަޅުތައް ތަފްސީލުކޮށް އެ ގާނޫނުގައި ބަޔާންކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.