ރައީސް ވިދާޅުވީ އެންޓި ބުލިޔިން ގާނޫނުގައި ވަރަށް ސާފުކޮށް ބުލީ ކުރުމާއި ފުރައްސާރަ ކުރުމުގެ އަމަލުތަކާއި، ގާނޫނު ހިނގާނެ ދާއިތާތައް ބަޔާންކުރާނެ ކަމަށެވެ.

ރާއްޖޭގައި ބުލީ ކުރުން ހުއްޓުވުމުގެ ގޮތުން، އެންޓި ބުލިޔިން ގާނޫނެއް ހަދައި، ސްކޫލުތަކާއި ތައުލީމު ދޭ އެހެނިހެން ތަންތަނުގައި ކިޔަވާ ދަރިވަރުންނަށްވެސް ފިޔަވަޅު އެޅޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފަހަކަށް އައިސް ބުލީ ކުރުމުގެ އެތައް މައްސަލައެއް ފެންތިމަތިވަމުން އަންނައިރު، އެކަން ހުއްޓުވުމަށްޓަކައި ބުލީ ކުރުމަކީ ޖިނާއީ ކުށަކަށް ހަދަން ބަންޑާރަނައިބުގެ އޮފީހާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިދިޔަ ހަފްތާ ވަނީ ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމުގެ އިތުރު ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ އެންޓި ބުލިޔިން ގާނޫނުގައި ވަރަށް ސާފުކޮށް ބުލީ ކުރުމާއި ފުރައްސާރަ ކުރުމުގެ އަމަލުތަކާއި، ގާނޫނު ހިނގާނެ ދާއިތާތައް ބަޔާންކުރާނެ ކަމަށެވެ.
އޭގެތެރޭގައި ސްކޫލުތަކާއި އެހެނިހެން ތައުލީމީ މަރުކަޒުތަކާއި، އެތަންތަނުގައި ކިޔަވާ ދަރިވަރުންނާއި، މަސައްކަތް ކުރާ ފަރާތްތަކާއި، ވަޒީފާގެ މާހައުލާއި، ތަންތަނުން ހިދުމަތް ހޯދާ މީހުންގެ ހައްގުތައް ވެސް އެ ގާނޫނުގައި ބަޔާންކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އެ ގަނޫނުގައި އޮންލައިންކޮށް ކުރާ ބުލީގެ ތަފްސީލުތައްވެސް ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސްކޫލްތަކާއި ތައުލީމު ދޭ މަރުކަޒުތަކުގައި ބުލީ ކުރުން ހުއްޓުވުމަށް ހާއްސަ ސިޔާސަތުތައް އެކުލަވައިލުމާއި، ބުލީ ކުރާ ކުދިންނާ ދޭތެރޭ ފިޔަވަޅު އެޅޭނެ ހާއްސަ ނިޒާމެއް އެކުލަވައިލުމާއި، ގަވާއިދުން މިކަމާ ގުޅޭ ގޮތުން ސެންޓްރަލް އެޖެންސީއެއްގައި ރިޕޯޓު ކުރެވޭ ގޮތާއި، ސްކޫލްތަކާ ތައުލީމު އުނގަންނައިދޭ ކޮންމެ މަރުކަޒެއްގެ ރަސްމީ މަންހަޖުގެ ތެރޭގައި މިކަމާ ގުޅޭ ކަންކަން ތަފްސީލުކޮށް ހިމެނިގެން ދިއުމާއި، ދެން މިފަދަ ތަފްސީލީ އިޖުރާއަތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންނާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބުލީ ކުރުމާއި ފުރައްސާރަ ކުރުން ހުއްޓުވުމާއި، އެކަމަށް އަވަސް މިނެއްގައި ފިޔަވަޅު އެޅޭނެ އިންސާނީ ވަސީލަތްތައްވެސް ހުރިހާ މަރުކަޒުތަކެއްގައި ގާއިމްކުރުމަށްޓަކައި ގާނޫނުގައި ތަފްސީލުތައް ބަޔާންކުރެވި އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.
"މި މަސައްކަތް މި ފެށީ އަޅުގަނޑު ހިތުން މި ގައުމުގަ އެބަޖެހޭ މިހާރު މި މައްސަލައަށް ވަށައިޖެހޭ ފުރިހަމަ ހައްލެއް ގެންނަން، އެ މަސައްކަތް ކުރަން. އެހެންވީމަ އެކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން، ސަރުކާރުން ވަރަށް ބޮޑަށް ބޭނުން. މީ ހަމައެކަނި އެންމެ ބައެއްގެ ކަމަކަށް ވެގެން ނުވާނެ، މީ މުޅި މުޖުތަމައުގެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އާ ގާނޫނު އެކުލަވާލާނީ ފަންނަނީ މާހިރުންގެ ލަފަޔާއި އަދި ދުނިޔޭގެ ތަޖުރިބާ ހުރި ގައުމުތަކުގައި މިފަދަ ކަންކަން ކުރާ ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.