އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނި ނަމަވެސް، ހަމަލާ ދިން މީހާ ހައްޔަރު ކުރި ކަމެއް ނޭންގެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މަގުމަތީ ހިންގި ހަރަކާތެއްގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާ ދިން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އެމްޑީޕީން ސިލްސިލާކޮށް ބާއްވާ މަގުމަތީ ހަރަކާތުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގެން އާޒިމް ހުންނެވީ އެންމެ ކުރީ ސަފުގަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ، ޕާޓީގެ ސަޕޯޓަރުން ހިނގާފައި ދަނިކޮށް މަގުގެ އެއް ފަރާތަކުން އައި މީހަކު އާޒިމްގެ މޭމަތީ ޖަހައި، ކޮށްޕާލާ މަންޒަރެވެ. އެ އަމަލު ހިނގުމާއެކު އެމްޑީޕީގެ ސަޕޯޓަކުން ވަނީ އެމީހާ އެތަނުން ދުރުކޮށް، ރައްދު ހަމަލާތައް ވެސް ދީފަ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނި ނަމަވެސް، ހަމަލާ ދިން މީހާ ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް ނުދެ އެވެ.
އާޒިމަށް ހަމަލާ ދިނުމުން، އެއީ ސަރުކާރުން އެދިގެން ކުރި ކަމެއް ކަމަށް ފެތުރުނު ވާހަކަތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.
ރައީސް އޮފީހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އާޒިމް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައި ވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
އަދި އެފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އަރުއްވާ ކަމަށް އެ ބަޔާނުގައިވެ އެވެ.