މީކާއިލްގެ ކެމްޕެއިނުގައި އެންމެ ބޮޑަށް ވަކާލާތު ކުރަނީ އެމްޑީޕީގެ ލީޑާޝިޕުން ޒުވާނުންނަށް ޖާގަ ދޭން ޖެހޭނެ ކަމެވެ.

ޒުވާނުންނަށް ޖާގަ ދިނުމަކީ ކޮންމެ ހާލަތެއްގައި އެ ފަރާތްތަކަށް ނަގާ އެންމެ މަތީގައި ބެހެއްޓުމެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވަނީ އެ ޕާޓީގެ ޒުވާން ލީޑަރެއް ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މީކާއިލްގެ ކެމްޕެއިނުގައި އެންމެ ބޮޑަށް ވަކާލާތު ކުރަނީ އެމްޑީޕީގެ ލީޑާޝިޕުން ޒުވާނުންނަށް ޖާގަ ދޭން ޖެހޭނެ ކަމެވެ.
ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެކަމަށް އިޝާރާތް ކުރައްވާ ފައްޔާޒް ވިދާޅުވީ ގާނޫނުއަސާސީ އާއި ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް އަނެއްކާވެސް ގެނެވޭނީ އެމްޑީޕީ އަށް ކަމަށެވެ.
އެ ބަދަލުތައް ގެންނަން ފުރަތަމަ އެމްޑީޕީ އަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި ރައްޔިތުން ކައިރިއަސް އެ އިސްލާހީ އެޖެންޑާ ހިފައިގެން ދެވޭނީ އެ ޕާޓީން އެކަން ބަލައިގަނެގެން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މި ހައްސާސީ ދަނޑިވަޅުގައި އެމްޑީޕީގެ ތެރެއިން ބަދަލުތައް ގެންދެވޭނީ ވަރުގަދަ ޝަހުސަކަށް. އެކަން ކުރެވޭނެ ބޭފުޅަކަށް ފެންނަނީ ރައީސް ނަޝީދު." ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ނަޝީދު އެންޑޯޒް ކުރައްވަން ނިންމެވީ ޒުވާނުންނަށް ޖާގަ ދޭން ބޭނުން ނުވާތީ ނޫން ކަމަށް ފަައްޔާޒް ވިދާޅުވި އެވެ.
މިއަދު އޮތް ހާލަތުގައި އެމްޑީޕީގެ ލީޑާޝިޕަށް ބޭނުން ވަނީ ހުރިހާ ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައު އާ ވެސް ވާހަކަ ދެކެވޭނެ ފަރާތެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"ޒުވާނުންނަށް ޖާގަ ދިނުމަކީ ކޮންމެ ކަމެއްގައި ޒުވާނުން ނަގާ އެންމެ މަތީގައި ބެހެއްޓުމެއް ނޫން. ކޮންމެ ހާލަތެއްގައި ބެހެއްޓުމެއް ނޫން. މިއަދުގެ މި ހާލަތަކީ ވަރަށް ހައްސާސީ ދަނޑިވަޅެއް." ފައްޔާޒް ވިދާޅުވި އެވެ.