މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ބީޖިންގްގައި މި މަހުގެ 21 އިން 22 އަށް ކުރިއަށްދާ "ތާޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއަރޑް ޑިވެލޮޕްމަންޓް" ކޮންފަރެންސްގެ ހަވާސާގަ އެވެ.

މާލެ ސިޓީގައި 500 ސޯޝަލް ހައުސިންގް ޔުނިޓް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ބީޖިންގްގައި މި މަހުގެ 21 އިން 22 އަށް ކުރިއަށްދާ "ތާޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއަރޑް ޑިވެލޮޕްމަންޓް" ކޮންފަރެންސްގެ ހަވާސާގަ އެވެ. މި މަޝްރޫއަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ދީފައިވާ އިންޓަރެސްޓް-ފްރީ (އިންޓަރެސްޓް ނުހިމެނޭ) ފެސިލިޓީއެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިބްރާހީމް ތޯޢާމް މުޙައްމަދެވެ. އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ ގެ ވައިސް ޗެއާމަން، މިސްޓަރ ލިއު ޖުންފެންގް އެވެ.
މި ރަސްމިއްޔާތަށްފަހު، ރާއްޖޭގެ ވަފުދުން ވަނީ ސީއައިޑޯ އާއެކު ބައިލެޓްރަލް ވާހަކަތަކުގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްދާ އަދި ކުރިއަށް ރޭވިފައިވާ އެކި މަޝްރޫއުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެ އެވެ.