މީގެ އިތުރުން ހަރަދުގެ ބައިން ރިކަރަންޓް ހަރަދު ވަނީ 10.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ % 14.6 ގެ އިތުރުވުމެކެވެ.

ދައުލަތުގެ ބަޖެޓުން ކުރަމުން ގެންދާ ހަރަދުގެ ތެރެއިން މިވަގުތު އެންމެ ބޮޑުވަމުން ދަނީ ސަބްސިޑީއަށް ކުރާ ހަރަދު ކަމަށް ދައްކައިފި އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ މި އަހަރުގެ 15 ވަނަ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން ފާއިތުވި ހަފުތާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ސަބްސިޑީއަށް ކުރާ ހޭދައެވެ. މި މުއްދަތާ ހަމައަށް ސަބްސިޑީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި އެއް ބިލިއަން ރުފިޔާއާ އަޅާބަލާއިރު % 36.2 ގެ އިތުރުވުމެކެވެ. - މި ހަަރަދު އިތުރުފައިވަނީ މި މުއްދަތުގައި ތެލުގެ ސަބްސިޑީއަށް ބަޖެޓުން ކުރި ހަރަދު އިތުރު ވެގެން ދިއުމުންނެވެ.
ހަރަދުގެ ބައިން ރިކަރަންޓް ހަރަދު ވަނީ 10.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ % 14.6 ގެ އިތުރުވުމެކެވެ. ހަރުމުދަލަށް ކުރާ ޚަރަދު ނުވަތަ ކެޕިޓަލް ޚަރަދު %39.9 އިތުރުވެ، 1.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 4.0 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 6.7 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.
މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 12.0 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ 10.3 ބިލިއަން ރުފިޔާއަށްވުރެ % 16.9 އިތުރު އަދަދެކެވެ. ނަމަވެސް މާލީ ހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ ބަޖެޓު މިވަގުތު ވެސް އޮތީ 1.6 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގަ އެވެ.
ހަފުތާއަކު އެއްފަހަރު ނެރޭ މި ރިޕޯޓުގައިވާ ގޮތުން ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި މުއްދަތުގައި ޖުމްލަ 13.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 12.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު % 11.6ގެ ކުރިއެރުމެކެވެ.
އާމްދަނީއަށް ބަލާއިރު، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 10.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 9.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު % 19.7 ގެ ކުރިއެރުމެކެވެ. މީގެ ތެރެއިން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސް.ޓީ) ގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) އިންނެވެ. އެގޮތުން 16 އޭޕްރީލް 2026 ގެ ނިޔަލަށް ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.5 އިންސައްތަ އިތުރު އަދަދެކެވެ.
ޓޫރިޒަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ވެސް ވަނީ އާމްދަނީ އިތުރުވެފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 33.5 އިންސައްތަ އިތުރުވެ 768.0 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 39.1 އިންސައްތަ އިތުރުވެ 649.5 މިލިއަން ރުފިޔާއަށް އަރާފައެވެ.