މިފަދަ ނާޒުކު ވަގުތުތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އާންމުންނާއި މީޑިއާތަކުގެ ކިބައިން މިނިސްޓްރީން ވަނީ އެދިފަ އެވެ.

ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތެއްނަމަ، ލަސްނުކޮށް ނޭޝަނަލް މެންޓަލް ހެމްތު ހެލްޕްލައިން 1677 އަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ހެލްތުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި މުޖުތަމައުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ހާދިސާތަކާމެދު ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި އެކަކު އަނެކަކަށް ހަމްދަރުދީ އާއި ޒިންމާދާރުކަމާއެކު އޯގާތެރިކަމާއެކު މުއާމަލާތް ކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިފަދަ ނާޒުކު ވަގުތުތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އާންމުންނާއި މީޑިއާތަކުގެ ކިބައިން މިނިސްޓްރީން ވަނީ އެދިފަ އެވެ.
"ނަފްސާނީ ގޮތުން ދަތު އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތެއްނަމަ، ތިޔައީ އެކަނިވެރިއެއް ނޫންކަން ގަބޫލުކުރައްވާ. ލަސްނުކުރައްވައި އެހީތެރިކަން ހޯދާ،" މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
"އާއިލާތަކާއި ރައްޠެހިން އަދި މުޅި މުޖުތަމައު ގުޅިގެން އެކަކު އަނެކެއްގެ ހާލުބަލައި، އެއްވެސް ތަފާތުކުރުމެއް ނެތި އަޅުލުމަށް ބާރުއަޅަން. އަނެކާގެ ވާހަކަ ކަނުލާ ަޑުއަހާލުމަކީ ނުވަތަ ދެވޭ އޯގާތެރިކަމަކީވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ،" ހެލްތު މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.