ފެނަކައިން ދެމުން ގެންދިޔަ ހިދުމަތް ބަދަލު ކުރަނީ ބ.، ޅ.، އަދި މ. އަތޮޅުގެ ރަށްރަށުގަ އެވެ. މި ބަދަލާއެކު މުޅި އޮޕަރޭޝަން ހިންގާނީ ސްޓެލްކޯއިންނެވެ.

ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ބައެއް އަތޮޅުތަކުގައި ފެނަކައިން ދެމުންގެންދާ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯއަށ ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ. މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ބ.، ޅ.، އަދި މ. އަތޮޅުގެ ރަށްރަށުގައެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި ނިންމުމަކީ ދައުލަތުގެ ހިދުމަތްތައް ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަވަމުންދާ ބޮޑެތި އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ މައިގަނޑު މަޤްސަދަކީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން މިހާރަށްވުރެ ބޮޑަށް ކަށަވަރުކުރުމާއި، މަސައްކަތުގެ ހިންގުން ހަރުދަނާކޮށް، އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ސްޓެލްކޯއިން މިހާރުވެސް ދަނީ ކ.، ވ.، އއ.، އަދި އދ. އަތޮޅުގެ ރަށްރަށުގައި ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. ސަރުކާރުގެ މި ފަހުގެ ނިންމުމާއެކު، އަލަށް ސްޓެލްކޯގެ ޚިދުމަތުގެ ދާއިރާއަށް ބ. އަތޮޅުން އިތުރުވަނީ ދަރަވަންދޫ، ދޮންފަނު، އޭދަފުށި، ފެހެންދޫ، ފުޅަދޫ، ގޮއިދޫ، ހިތާދޫ، ކަމަދޫ، ކެންދޫ، ކިހާދޫ، ކުޑަރިކިލު، މާޅޮސް، އަދި ތުޅާދޫއެވެ. މީގެ އިތުރުން، ޅ. އަތޮޅުން ހިންނަވަރު، ކުރެންދޫ، ނައިފަރު، އަދި އޮޅުވެލިފުށިވެސް ސްޓެލްކޯގެ ދަށަށް ބަދަލުވާނެއެވެ. ހަމައެއާއެކު، މ. އަތޮޅުން ސްޓެލްކޯގެ ދަށަށް ބަދަލުވާ ރަށްރަށަކީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރީ، މުލައް، މުލި، ނާލާފުށި، ރައިމަންދޫ، އަދި ވޭވަށެވެ.
މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ، ކަމާބެހޭ ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކަށް އެއްވެސް ބުރޫއެރުމެއް ނެތި، ރޭވިގެން އަދި ވިލަރެސްކުރެވިގެންނެވެ. މި ނިންމުން ތަންފީޛުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މެދުނުކެނޑި ކަރަންޓާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އަދި މުވައްޒަފުންނާއި ވަސީލަތްތައް ބަދަލުކުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށްގެންގޮސް، ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވާނެ ފަދަ ހަރުދަނާ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.
މިއީ ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، އާންމު ބޭނުންތަކާ ގުޅުންހުރި ޚިދުމަތްތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެކެވެ. މިކަމުގައި އެންމެ މުހިންމު އަމާޒަކީ ރަށްރަށުގައި ދެވޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމާއި، މުވައްޒަފުންނާއި އާންމު ރައްޔިތުންނަށް ފަސޭހަވާނެހެން ނިޒާމީ ގޮތެއްގައި މި ބަދަލު ގެނައުމެވެ. އަދި މި މަރުޙަލާ ހަލުވިކަމާއެކު، ތަރުތީބުން ނިންމުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުގެ މެދުގައި ވިލަރެސްކުރުމުގެ މަސައްކަތްތައް ދަނީ މެދުނުކެނޑި ހިނގަމުންނެވެ. އެހެންކަމުން، މި ބަދަލުގެނައުމުގެ މަރުޙަލާގައި، ކުންފުނީގެ މުދަލާއި ވަޞީލަތްތަކުގެ އިތުރުން މުވައްޒަފުން ބަދަލުކުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އިން ގުޅިގެން މަސައްކަތް ކުރާނެއެވެ