އެ އަނބުރާ ދެއްކުމާ އެކު، އިންޑިއާ ސަރުކާރުން 30 ބިލިއަން އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 320 މިލިއަން ޑޮލަރު)ގެ އާ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައިދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިންޑިއާއިން 2024 ވަނަ އަހަރު ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ރޯލްއޯވާ ނުކުރެވުމުން، އެ އަދަދު ދިވެހި ސަރުކާރުން މިއަދު ދައްކައި، އާ ފެސިލިޓީއެއް ނަގައިފި އެވެ.
އެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދެ ފަހަރެއްގެ މަތިން މީގެކުރިން ވެސް ރޯލްއޯވާކޮށްފައިވާއިރު، ތިންވަނަ ފަހަރަށް ރޯލްއޯވާ ކުރަން އެދުމުން، އިންޑިއާއަށް އެކަމަށް އިޖާބަ ނުދެވުނީ، އެ ސްވޮޕްގެ ޓާމްސް ހުރި ގޮތުން، އިންޑިއާ މާލިއްޔަތު ގަވާއިދުތަކުން އެކަމަށް ޖާގަނުދޭތީ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، 2024 ވަނަ އަހަރު އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އަނބުރާ ދައްކާފައިވާ ކަމަށެވެ.
އެ އަނބުރާ ދެއްކުމާ އެކު، އިންޑިއާ ސަރުކާރުން 30 ބިލިއަން އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 320 މިލިއަން ޑޮލަރު)ގެ އާ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައިދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިގޮތުން، އެ ފެސިލިޓީގެ ބައެއް ވަގުތުން ބޭނުންކުރުވޭ ގޮތަށް ހަމަޖައްސައިދީފައިވާތީ، ދިވެހި ސަރުކާރުން ވަނީ އިންޑިއާއަށް ޝުކުރު އަދާކޮށްފަ އެވެ.
ނަމަވެސް، ފުރަތަމަ ނަގަނީ ކިހާ ވަރެއް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، އަލަށް ހަމަޖައްސައިދިން ސްވޮޕް ފެސިލިޓީ ބޭނުންކުރާނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިގުތިސާދީ ހަމަޖެހުން ގާއިމުކުރުމަށް ކަމަށެވެ.
އިންޑިއާއިން ނެގި 400 މިލިއަން ޑޮލަރު މިއަދު އަނބުރާ ދައްކާފައިވާއިރު، 2021 ގައި ކުރީގެ ސަރުކާރުން ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކު ވެސް އަނބުރާ ދެއްކީ މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.
ކަރަންސީ ސްވޮޕް - ކަރަންސީ ސްވޮޕަކީ ދެ ގައުމެއްގެ މަރުކަޒީ ބޭންކުގެ މެދުގައި، ކަނޑައެޅޭ ވަކި މުއްދަތަކަށް، އެއް ގައުމުގެ ފައިސާ އަނެއް ގައުމުގެ ފައިސާއަށް ބަދަލުކުރުމަށް ވެވޭ އެއްބަސްވުމެކެވެ. މިއީ އާންމުކޮށް ގައުމުގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށާއި އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް ބޭނުންކުރާ ވަސީލަތެކެވެ. އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ދެ ގައުމުގެ މަރުކަޒީ ބޭންކުން އެ ވަގުތުގެ މާކެޓް ރޭޓަށް ބަލައި ފައިސާ ބަދަލުކުރެއެވެ. މިސާލަކަށް، ރާއްޖެއާއި އިންޑިއާއާ ދެމެދު ސްވޮޕް ހަދާނަމަ، ރާއްޖެއަށް ޑޮލަރު ނުވަތަ ރުޕީސް ލިބޭއިރު، އޭގެ ބަދަލުގައި އިންޑިއާއަށް ދިވެހި ރުފިޔާ ދޭނެއެވެ. ފައިސާ ބޭނުންކުރާ މުއްދަތުގައި، އެ ފައިސާ ނެގި ގައުމުން އަނެއް ގައުމަށް އިންޓްރެސްޓެއް ދައްކަންޖެހެއެވެ. މިއީ ފައިސާ "ކުއްޔަށް" ހިފުމުގެ އަގު ކަމުގައި ބެލެވިދާނެއެވެ.