މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަސައްކަތް އެޗްޑީސީ އާއި އެމްއޭސީއެލްއިން ކުރިނަމަވެސް އެ ކުންފުނިން މި މަސައްކަތް ކުރަމުން ގެންދާ އަގެއް ނޭނގެ އެވެ.

ރަސްމާލެއިން 504 ހެކްޓަރުގެ ސަރަހައްދެއް ހިއްކާ ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިހާތަނަށް ރަސްމާލެއިން 504 ހެކްޓަރު ހިއްކާފައިވާއިރު، މިއީ ހުޅުމާލޭގެ ހަތަރު ހުޅުމާލޭގެ ބޮޑު މިނެވެ.
"ނަމަވެސް މިހާރު ހާލަތު [ހަނގުރާމަ] އިގެ ސަބަބުން ޓައިމްލައިނަށް ބަދަލުތަކެއް އަތުވެދާނެ. މާނައަކީ ކަނޑުން ނުހިއްކާ ތަނަކުން ނުދެވޭނެއޭ،" މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި މަޝްރޫއަކީ ސަރުކާރުގެ އެންމެ އެމްބިޝަސް އެއް ޕްރޮޖެކްޓްތައް ކަމަށާ ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއު ލަސްވެގެން ގޮސްފައިވާ ކަމަށެވެ. މިގޮތުން މަސައްކަތް ފަށަން ސަރުކާރުން ބަޖެޓުގައި ޖެހި އަދަދު ނުދިނުމާއި ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ދެއްކުމުން އެކަށީގެންވާ ފައިނޭންސް ނުލިބުން ހިމެނެ އެވެ. އެހެންވެ ސަރުކާރުގެ އެޗްޑީސި އާއި އެމްއޭސީއެލްއާއެކު މިހާރު ފަށާފައިގެން ކުރިއަށްދާކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަސައްކަތް އެޗްޑީސީ އާއި އެމްއޭސީއެލްއިން ކުރިނަމަވެސް އެ ކުންފުނިން މި މަސައްކަތް ކުރަމުން ގެންދާ އަގެއް ނޭނގެ އެވެ. ނަމަވެސް މިހާރު ކުރިއަށްދާ ޓެކްނިކަލް ސާވޭގެ މަސައްކަތް ނިމުމުން އެނގިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ގުޅީފަޅުގައި މަސައްކަތް ކުރުމަށް 400 މިލިއަން ޑޮލަރުވަރު ހަރަދުވާނެ ކަމަށް ބެލެވިފައިވާ ކަމަށާ، އެވަރުގެ ހަރަދެއް ގިރާވަރު ފަޅަށްވެސް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ރަސްމާލެ ހިއްކަން ބޭނުން ކުރަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ 'ކްރިސްޓޮބަލް ކޮލޮން' އުޅަނދު ބޭނުންކޮށްގެންނެވެ. މިއީ 46,000 ކިއުބިކް މީޓަރުގެ ހޮޕާ ކެޕޭސިޓީއެއް ހުންނަ މި އުޅަނދަކީ ބޮޑެތި މަޝްރޫއުތަކަށް ހާއްސަ ފަންނީ ގޮތުން ކުރިއަރާފައިވާ އުޅަނދެކެވެ.މި މަސައްކަތް ކުރިއަށް ގެންދަނީ ބައިނަލްއަގުވާމީ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޖެން ޑި ނަލް އިންނެވެ.
ރަސްމާލެ ސައިޓް އޭ ހިއްކުމުގެ އަމަލީ މަސައްކަތް އެމް.އޭ.ސީ.އެލް އިން ރަސްމީކޮށް ފަށާފައިވަނީ އެކެއް ޑިސެމްބަރު 2025 ގައެވެ. މި މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ.