މި ސަރުކާރުން ވެރިކަމާ ހަވާލުވެ، އޮޕަރޭޝަން ކުރަނގި ފެށުމާ ހަމައަށް، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ އެއްގޮތަށް އެޅުމެނުން އައީ އެންމެ 28 ޕަސެންޓު މީހުން.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކް ޑާޓާ އެއްކުރުމަށް ހޯމް މިނިސްޓްރީން ފަށާފައިވާ އޮޕަރޭޝަން "ކުރަނގި" އާއެކު ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ އިންސައްތަ 62 އަށް މިހާރު އަރާފައިވާކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވެ، އޮޕަރޭޝަން ކުރަނގި ފެށުމާ ހަމައަށް، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ އެއްގޮތަށް އެޅުމެނުން އައީ އެންމެ 28 ޕަސެންޓު މީހުން ކަމަށެވެ.
މިގޮތުން، 148،417 ބިދޭސީން ރާއްޖޭގައި ތިބި ކަމަށް ލިޔެކިއުންތަކުން އޭރު ފެންނަން އޮތަސް، އެ ހުރިހާ މީހުން ރާއްޖޭގައި ތިބިކަން ނުވަތަ ނޫންކަން ކަށަވަރު ނުވާ ކަން އިހުސާން ފާހަގަކުރެއްވި އެވެ.
"އެ ވަގުތަށް، ސިސްޓަމްގެ ޒަރިއްޔާއިން ބަލާއިރު ގަވައިދާ އެއްގޮތަށް ތިބި ކަމަށް ބެލެވެނީ ބިދޭސީންގެ ތެރެއިން 28.97 ޕަސެންޓް މީހުން. އަޅުގަނޑުމެން މިދިޔަ ދެ އަހަރު ކުރެވުނު މަސައްކަތުން، ފުރިހަމައަށް ޑޮކިއުމެންޓް ހަމަކޮށް ލާރި ދައްކާފައި ތިބި މީހުންގެ އަދަދު ވަނީ 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހިންގާ މި އޮޕަރޭޝަނުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ފޮޓޯއާއި 10 އިނގިލީގެ ނިޝާން ފަދަ މައުލޫމާތުތައް ނަގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ގަވާއިދަށް ފެއްތުމުގެ މަސައްކަަތް ދަނީ ކުރަމުންނެވެ.
އިހުސާން ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރު ކުރި މަސައްކަތުން ގާތްގަނޑަކަށް 206،000 ބިދޭސީންގެ ފިންގަޕްރިންޓް މިހާރު ވަނީ ނަގައިފަ އެވެ.
ނަމަވެސް، ބައޯމެޓްރިކް ނުދީ 2،933 މީހަކު ތިބިކަން އެނގޭއިރު، އެއް އަހަރު ދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭނަމަ، އެ މީހުން ހޯދައި ހައްޔަރުކޮށް ރާއްޖޭން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.