އެފަދަ ގާނޫނެއްގައި ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކުން އަދާކުރާ ދައުރާއި، ހިދުމަތް ނުދޭ ހާލަތްތަކުގައި ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ހިމެނެންޖެހޭ ކަން އޭނާ ފާހަގަކުރެއްވި.

ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިޔުމުގެ ހިދުމަތް ރެގިއުލޭޓު ކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކުމަށްފަހު، ނުދެވޭ މައްސަލަތައް ފަހަކަށް އައިސް އިތުރުވުމާ ގުޅުވައި މެމްބަރަކު ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލުކުރަން އެ ކަންކަން ރަނގަޅަށް ރެގިއުލޭޓު ކުރެވޭނެ ހާއްސަ ގާނޫނެއް އޮންނަންޖެހޭ ކަމަށެވެ.
މިގޮތުން، އެފަދަ ގާނޫނެއްގައި ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކުން އަދާކުރާ ދައުރާއި، ހިދުމަތް ނުދޭ ހާލަތްތަކުގައި ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ހިމެނެންޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެހެން ގައުމުތަކުގައި ވެސް ހައްޖާއި އުމްރާއާ ގުޅޭ ކަންކަން ރެގިއުލޭޓުކޮށްފައިވަނީ އެކަމަށް ހާއްސަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިންނެވެ.
"މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ހައްގުތަކާއި ގުޅޭ ކަމެއް. ގާނޫނެއް އޮންނަންޖެހޭ. މާދުރު ނޫން މުސްތަގުބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތް ކުރާނަން. މެމްބަރުންގެ ތާއީދާއެކު މިކަމަށް އަދުލުވެރި ހައްލެއް ގެނެވޭނީ،" ޝަހީމް ވިދާޅުވި އެވެ.