މި މަޝްރޫއުގައި މުޅިން އަލަށް 58 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީ ކުރަމުން ގެންދެ އެވެ. އަދި 13 ރަށެއްގައި ހަލާކުވެފައިހުރި މިފަދަ ކުޅިވަރު ވަސީލަތް އަޕްގްރޭޑް ކުރުން ވެސް ހިމެނެ އެވެ.

ހަމައެކަނި ހުޅުމާލޭގައި އެޗްޑީސީއިން ހިދުމަތް ދިން ޒަމާން މާޒީވެ ގޮސްފި އެވެ. މިހާރު އެ ކުންފުންޏަކީ މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތް ދެމުން ގެންދާ ތަރައްގީގެ ބައިވެރިއެކެވެ. އެކަން އެނގެނީ އެ ކުންފުނިން މިވަގުތު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 71 އައުޓްޑޯ ޖިމްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމެވެ.
އެޗްޑީސީ އިން ބުނި ގޮތުގައި ދައުލަތުގެ ތަރައްގީގެ ބަޖެޓް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގައި މުޅިން އަލަށް 58 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީ ކުރަމުން ގެންދެ އެވެ. އަދި 13 ރަށެއްގައި ހަލާކުވެފައިހުރި މިފަދަ ކުޅިވަރު ވަސީލަތް އަޕްގްރޭޑް ކުރުން ވެސް ހިމެނެ އެވެ. މި މަޝްރޫއުގެ ދަށުން 13 ރަށެއްގައި އިކްއިޕްމަންޓް ހަރުކުރަން ވަނީ ތައްޔާރުވެފަ އެވެ.
މި މަޝްރޫއުގެ ދަށުން އިތުރު އަށް ރަށެއްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި އައުޓްޑޯ ޖިމް ތަރައްގީކުރުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ކަސްރަތު ކުރާނެ ވަސީލަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމެވެ.