މި ހާލަތުން ރާއްޖެ ސަލާމަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރެއް ނެތް ކަން، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ސާފުވާކަމަށް އެ މަނިކުފާނު ވިދާޅުވި.

ރާއްޖެއަށް މި ވަގުތު ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް، ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން ސަރުކާރުން އަންނަންދެން، އެމްޑީޕީން ސިލްސިލާކޮށް މާލޭގައި ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާތައް ނުހުއްޓާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އީރާނު ހަނގުރާމައިގެ ސަބަބުން ތަކެތީ އަގުތައް މައްޗަށް ދިއުމާއި ޑޮލަރު ލިބުމުގެ ދަތިތައް އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށެވެ.
"ރާއްޖެ މި އޮތީ ނާޒުކު ފައްތަރެއްގައި. މި ހާލަތުން އަޅުގަނޑުމެން އަރައިގަތުން އެއީ ހަމައެކަނި ސަރުކާރުގެ ވާޖިބެއް ނޫން، އަޅުގަނޑުމެން އެންމެންގެ ވާޖިބެއް،" ނަޝީދު ވިދާޅުވި އެވެ.
މި ހާލަތުން ރާއްޖެ ސަލާމަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރެއް ނެތް ކަން، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ސާފުވާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ ނޫނީ އަޅުގަނޑުމެން ތާ އަބަދު މި މަސައްކަތް ކުރުމުގައި މަގުމަތީގައި ދެމިތިބޭނަން. ރާއްޖޭގެ ރަށްރަށަށް ވެސް އަޅުގަނޑުމެން ދާނަން، ރައީސް މުއިއްޒު އާއި ސަރުކާރު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ދެން އަޅުގަނޑުމެން މިކަމުގައި ދެމި ތިބޭނަން،" ނަޝީދު ވިދާޅުވި އެވެ.
ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 18 އަހަރު ފަހުން ވެސް، ރައްޔިތުންގެ އުއްމީދުތައް ހާސިލުނުވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭފެ ވެރިކަން ކުރުމުގެ އޮނިގަނޑަށް ބަދަލުތަކެއް އަންނަންޖެހޭކަމަށް ގަބޫލުނުކުރާ ދިވެއްސަކު ނުހުންނާނެ އެވެ.
ނަޝީދު އެ އިޝާރާތް ކުރެއްވި "ބޮޑު ބަދަލު"އަކީ، ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔަކީ ތަފާތު ދެ ބޭފުޅުން ކަމަށް ހެދުމެވެ.
އެގޮތުން، ސަރުކާރުގެ ވެރިޔަކަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުންނަވާފައި ދައުލަތުގެ ވެރިޔެއްގެ ގޮތުގައި ނަޝީދު ހުންނެވުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް، ރައްޔިތުން ސަރުކާރު އިންތިހާބުކޮށް، ހަވާލުކޮށްފައިވާ މެންޑޭޓާ ހިލާފުކަމަށްވާތީ، ސަރުކާރު ހިންގަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން އިދިކޮޅު އެމްޑީޕީން ގޮވައިލި ގޮވާލުމަށް އިޖާބަ ނުދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.