ދަރަނި ފަސްކުރަން، ޕާޓީތައް ގުޅިގެން އިންޑިއާ އާއެކު މަޝްވަރާކުރަން ނަޝީދުގެ ހުށަހެޅުމެއް

އިންޑިއާ ސަރުކާރާ އެކު ދައްކާ ވާހަކައަކީ ހުރިހާ ޕާޓީއެއް އެއްބަސްވެ ދެކެވޭ ވާހަކައަކަށް ވެއްޖެއްޔާ، އެ ވާހަކަތައް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު --

އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ މި މަހުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭކަމަށް ރިޕޯޓުކުރަމުންދާތީ، އެ ދަރަނި ދެއްކުމުގައި ލުއިތަކެއް ހޯދުމަށް އިންޑިއާ ސަރުކާރާ އެކު ކުރާ މަޝްވަރާތަކުގައި ސިޔާސީ ޕާޓީތައް ބައިވެރިކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.

މީގެ ދެ އަހަރު ކުރިން ނަގާފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ އަނބުރާ ދެއްކުމުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިންޑިއާ ސަރުކާރުން އިތުރުކޮށްދީފައިވާއިރު، ތިންވަނަ ފަހަރަކަށް އެކަން ކުރުމަށް އެ ގައުމުގެ މާލިއްޔަތު ގާނޫނުން ތަންނުދޭކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ސަރުކާރުން 2021 ނެގި 550 މިލިއަން ޑޮލަރުގެ ސުކޫކު ވެސް މި ސަރުކާރުން މި މަހުގެ ތެރޭގައި ދައްކާފައިވާއިރު، އިތުރު ދަރަންޏެއް ދެއްކުމުގެ ގާބިލުކަމެއް ދައުލަތުގެ ރިޒާވްގައި ނުހުންނާނެ ކަމަށެވެ.

އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ނުދެއްކޭނަމަ، ރާއްޖެ ޑިފޯލްޓުވުމުގެ ފުރުސަތު އޮތް އިރު، އެކަމުގެ ސަބަބުން މުޅި މާލީ ނިޒާމަށާއި ސަރުކާރަށް އަދި އަމިއްލަ ވިޔަފާރިތަކަށް ކުރާނެކަން ނަޝީދު ފާހަގަކުރެއްވި އެވެ. 

"އެމްޑީޕީން ހުށަހަޅާ ބޮޑު ބަދަލުގެ އެންމެ މުހިންމު އެއް ބޭނުމަކީ، ދަރަނީގެ ކަންކަމާ ގުޅޭ މަޝްވަރާ ހިންގުން. އިންޑިއާ ސަރުކާރާ އެކު ދައްކާ ވާހަކައަކީ ހުރިހާ ޕާޓީއެއް އެއްބަސްވެ ދެކެވޭ ވާހަކައަކަށް ވެއްޖެއްޔާ، އެ ވާހަކަތައް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެއާ އެކު ނަޝީދު ވަނީ، ސަރުކާރުން ޕާޓީތަކާ އެކު މަޝްވަރާގެ މޭޒު ދޮށަށް އައުމަށް އެދިވަޑައިގެންފަ އެވެ.

ނަޝީދު އެ އިޝާރާތް ކުރެއްވި "ބޮޑު ބަދަލު"އަކީ، ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔަކީ ތަފާތު ދެ ބޭފުޅުން ކަމަށް ހެދުމެވެ. 

އެގޮތުން، ސަރުކާރުގެ ވެރިޔަކަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުންނަވާފައި ދައުލަތުގެ ވެރިޔެއްގެ ގޮތުގައި ނަޝީދު ހުންނެވުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް، ރައްޔިތުން ސަރުކާރު އިންތިހާބުކޮށް، ހަވާލުކޮށްފައިވާ މެންޑޭޓާ ހިލާފުކަމަށްވާތީ، ސަރުކާރު ހިންގަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން އިދިކޮޅު އެމްޑީޕީން ގޮވައިލި ގޮވާލުމަށް އިޖާބަ ނުދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ، އަޅުގަނޑު އިއުލާނުކުރި މެނިފެސްޓޯ އާއި ވައުދުތަކާ އެއްގޮތަށް ކަންކަން ކުރަން. އެހެންވީމަ އަޅުގަނޑު ދާނީ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މަސައްކަތައިގެން ކުރިއަށް،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާގެ ކަރަންސީ ސްވޮޕް ފެސިލިޓީ އާ ގުޅޭގޮތުން ވެސް އިއްޔެ ރައީސްއާ ސުވާލުކުރެވުނަސް، އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

ރައީސް ހަމައެކަނި ވިދާޅުވީ، އިންޑިއާ އަކީ ވަރަށް ގާތް، ރަހުމަތްތެރި ގައުމެއް ކަމަށާއި، ރާއްޖެއަށް ބޭނުންވާ ކޮންމެ ހާލަތެއްގައި ވެސް އިންޑިއާއިން އެހީތެރިވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.