ވަޒީރު ވިދާޅުވީ އެކި ދާއިރާތަކަށް ހާއްސަކޮށް 250 މިލިއަން ރިލީޒްކުރެވިދާނެ ކަމަށާއި، އެގޮތުން މިވަގުތު ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާއިރު، އެމީހުންނަށް އާމްދަނީ ހޯދޭނެ އިތުރުގޮތްތައް ފަހިވާނެ ގޮތަކަށް ލޯނު ދޫކުރާނެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކުން ވަކިވާ މުވައްޒަފުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނިކުމެ ރާއްޖޭގެ އިގްތިސޯދުގައި ބައިވެރިވެ އާމްދަނީ ހޯދޭނެ ގޮތްތައް ރާއްވަވަމުން ގެންދަވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުން ދަނީ އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ތައްޔާރީތަކެއް ވަމުންނެވެ. މީގެ އިތުރުން ވެސް ފިޔަވަޅުތަކެއް އަޅަން ޕީސީބީއަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.
މި ނިންމުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ އިޤްތިސޯދަށް މިވަގުތު އަންނަމުންދާ ބަދަލުތަކާއި ގުޅިގެން، ކުންފުނިތަކުުގެ ހަރަދު ކުޑަކޮށް ޑައުންސައިޒް ކުރަމުންދާއިރު، ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އާމްދަނީ ހޭދޭނެ އިތުރު ގޮތްތައް ފަހިކޮށްދީ އިކޮނޮމީގައި ބައިވެރިވެވޭނެ ގޮތަށް، ހާއްސަ ދާއިރާތަކުން ލޯނު ދިނުމަށް ރައީސުލްޖުމްޙޫރިއްޔާ ލަފާ ދެއްވާފައިވާ ކަމަށެެވެ.
ވަޒީރު ވިދާޅުވީ އެކި ދާއިރާތަކަށް ހާއްސަކޮށް މިހާރުވެސް 250މިލިއަން ރިލީޒްކުރެވިދާނެ ކަމަށާއި، އެގޮތުން މިވަގުތު ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާއިރު، އެމީހުންނަށް އާމްދަނީ ހޯދޭނެ އިތުރުގޮތްތައް ފަހިވާނެ ގޮތަކަށް ލޯނު ދޫކުރުމުގެ ކަންކަން ރޭވުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އަދިވެސް ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަޝަވަރާކުރައްވަމުން ގެންދަވާކަމަށެވެ.
"މިހާލަތާއެކުވެސް ރައީސްގެ ޕޮލިސީ އަކީ އިގްތިސޯދުގެ ސޯބު ނުހުއްޓި އެނބުރޭނެ ގޮތަކަށް ކުރިއަށްގެންދެވެން." މިނިސްޓަަރ ވިދާޅިވިއެވެ.
މީގެ އިތުރަށް މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައިވެސް އިތުރަށް 450 މިލިއަނެއްހާ ފައިސާވެސް ހަމަޖެހިގެންދާނެ ކަމަށާއި، އެފައިސާވެސް އެސް.އެމް.އީގެ ގޮތުގައި އިކޮނޮމީގެ ތެރެއަށް ނެރުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކުންފުނިތަކުުގެ ހަރަދު ކުޑަކުރަން ޑައުންސައިޒް ކުރާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް އާއި ލޯނު ދޫކޮށްގެން ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދީ، ޕްރައިވެޓް ސެކްޓަރގެ ވަޒީފާތައް އިތުރުކޮށް ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަކީ ރައީސުލްޖުމްޙޫރިއްޔާ އިސްކަންދެއްވާ ކަމެއް ކަަމަށެވެ.