ރައީސް ވިދާޅުވީ، ކެމްޕެއިނަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މި ގައުމުގައި ނިމުމަކަށް އަންނަންޖެހޭ ކަމަށް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ބުނެދީފައިވާ ކަމަށެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނުކުމެ ދިން ވޯޓުން ބުނެދިނީ، އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ވަޒީފާތައް ދިނުމަށް ރައްޔިތުން ނުރުހޭކަން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގޮތަށް ވަޒީފާތައް މި ސަރުކާރުން ދެން ނުދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ އިންތިހާބާ ދިމާކޮށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެތަކެއް ހާސް ސިޔާސީ މުވައްޒަފުން ނެގިކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ.
އިންތިހާބަށްފަހު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރަން ސަރުކާރުން މިހާރު ވަނީ ޕީސީބީއަށް އަންގައިފަ އެވެ.
އެކަމާ ގުޅިގެން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކެމްޕެއިނަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މި ގައުމުގައި ނިމުމަކަށް އަންނަންޖެހޭ ކަމަށް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ބުނެދީފައިވާ ކަމަށެވެ.
އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް ދެން އެނގޭތޯ. ދެންމެ މި ދެންނެވިހެން އިއުލާނު ކުރެވިގެން ކުރިމަތިލައިގެން އެ މީހާގެ ސީވީއަށް ބަލައި މެރިޓް ބޭސްކޮށް ނޫނިއްޔާ ދެން އެއްވެސް އެސްއޯއީއަކުން ވެސް މިނިސްޓްރީއަކުން ވެސް މުވައްޒަފަކު ނަގައިގެން ނުވާނެ. އެ އުސޫލު ދެން މި ސަރުކާރުން ކުރިއަށްގެންދާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެސްއޯއީތަކުން މުވައްޒަފުން މަދުކުރާއިރު، އެކަން ކުރިއަށްދާނީ ކުންފުނިތަކުގެ ހިންގުމަށް ދަތިނުވާ ގޮތަށް އަދި އެ މުވައްޒަފުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.