ރެފަރަންޑަމްގެ ނަތީޖާ އިން ފެނުނީ ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ބޭނުން ނުވާ ވާހަކަ ކަމަށް ރައީސް ވިދާޅުވި

ނިމިދިޔަ ރެފަރަންޑަމްގައި ރައްޔިތުން ދިން މެސެޖު ސާފު ކަމަށާއި ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަން ޖެހޭ ފަދަ އިސްލާހެއް އިތުރަށް ހުށަހެޅުމަށް ގަސްތު ނުކުރައްވަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އިސްލާހީ އެޖެންޑާގެ ތެރެއިން ގާނޫނުތައް ބަދަލު ކުރުން ފަދަ މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.
އެގޮތުން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން ދާ ދިޔުން ހުއްޓުވުމާއި އަންހެން ބެފުޅުންނާއި ޒުވާނުންނަށް ވަކި ގޮނޑިތަކެއް ރިޒާވް ކުރުން ފަދަ އިސްލާހުތައް ހުށަހަޅަން ގަސްދު ކުރައްވަ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެން ނަމަވެސް ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫން ކަން ސާފު ވެފައިވާ ކަމަށާއި އެހެންކަމުން އެއަށް އިތުރު އިސްލާހެއް ނުގެންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިސްލާހީ ރަނގަޅު ބަދަލުތަކެއް ޖުޑިޝަރީ އަށް އަންނަން ޖެހޭ. ރަނގަޅު ބަދަލުތަކެއް ޕާލިމެންޓަށް އަންނަން ޖެހޭ އެ ބަދަލުތައް ގެނައުމުގެ ކަންކަން ކުރިޔަށް ގެންދާނަން. އެހެން ނަމަވެސް އަޅުގަނޑު ހިތުން ފެންނަ ނުފެންނަ ވޯޓުން ބޮޑު މެސެޖެއް ދެއްވާފައި މި ވަނީ ގަނޫނުއަސާސީ އަށް ބަދަލުތައް ގެނައުމަކީ އެހާ ބޮދާށް ރައްޔިތުން ގަބޫލު ކުރަ ކަމެއް ނޫން ކަން." ރައިސް ވިދާޅުވި އެވެ.
"އެހެންވީމަ ގަނޫނުއަސާސީ ބަދަލުކޮށްގެން ގެންނަން ޖެހޭ ކަހަލަ އިސްލާހެއް ކުރިޔަށް އޮތްތ ަނުގައި ގެންނާކަސް އަޅުގަނޑު ގަސްތެއް ނުކުރަން." އެމަނިކުފާނު ވިދާޅުވި އެވެ.
އިންތިހާބުގެ ކުރިން ރައީސް ވަނީ ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމަވައިފަ އެވެ. އެގޮތުން ރާއްޖޭގެ ވޯޓުލާ ނިޒާމް ޕްރިފަރަންޝަލް ވޯޓިން ސިސްޓަމަކަށް ބަދަލު ކުރުމާއި ރިޔާސީ ދައުރު ނިމޭ ދުވަސް ނޮވެމްބަރު 11 އަށް އަލުން ބަދަލު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
އޭގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލު ކުރެވޭނީ ވެސް ގާނުނުއަސާސީ އަށް އިސްލާހެއް ހުށަހަޅައިގެންނެވެ.