މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ވަނީ ބީއެމްއެލް އިން ވިއްކާފައެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެކެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ކުއްލިއަކަށް ހުއްޓާލައިފިކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ލިޔެފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ މިގޮތުން ކުރިންވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މިދަނީ މެދުނުކެނޑި ޑޮލަރު ވިއްކަމުންނެވެ. މިގޮތުން މިމަހުގެތެރޭގައިވެސް ޓީޓީ އަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށްވެސް އެކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު ޢަދަދަކަށް ވާނީ ޑޮލަރު ވިއްކާފަ އެވެ.
"މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްނުދެވިފައެއްނެތެވެ. އެހެންނަމަވެސް އެ ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ ޢަދަދު ބޭންކުން ނުދެވުން އެކަށީގެންވެއެވެ.،" ބީއެމްއެލްއިން ބުނެފައިވެ އެވެ.
ބީއެމްއެލް އިން ބުނީ މެދު އިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން، ބޭރުން ރާއްޖެއަށް ބޭންކް މެދުވެރިކޮށް އަންނަ ފައިސާ އަށްވުރެ ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ އަދަދު މިދުވަސްކޮޅު އިތުރުވެފައި ވީނަމަވެސް، ބޭންކުން މިއަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓައި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ބޭންކް އިން ބުނީ މި ހައްސާސް މުއްދަތުގައިވެސް ބޭންކުން މިއަންނަނީ މެދު ނުކެނޑި ކާބޯތަކެއްޗާއި، އެކިއެކި ބޭނުންތަކަށް ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް ވިޔަފާރިތަކަށް ކުރިއަށްވުރެ އިތުރަށް ޑޮލަރު ފޯރުކޮށްދެމުންނެވެ.
ބޭންކް އިން ބުނީ ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެކެވެ.
"އަދި މިބޭނުމަށް މިދިޔައަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާއި އަޅާބަލާއިރު މިއީ %142 އިތުރު ޢަދަދެކެވެ. މިއަހަރުގެ މިހާތަނަށް 38،855 ޓިޓީ އަށް ބޭރުފައިސާ ފޯރުކޮށްދީފައިވާއިރު، މި ހިނގާ އެޕްރީލް މަހު އެކަނިވެސް 6،800 އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރުފައިސާގެ އެހީ ފޯރުކޮށްދީފައިވާނެއެވެ. އަދި އިއްޔެ އެކަނިވެސް 327 ޓީޓީ އަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވެއެވެ،" ބީއެމްއެލްއިން ބުނެފައިވެ އެވެ.
ބޭންކުން ބުނީ ބޭންކުގެ ކަސްޓަމަރުންނާއި ބޭހޭ އަދި ބޭންކުން ހިންގާ ފައިސާގެ މުޢާމަލާތްތަކުގެ ސައްހަ މަޢުލޫމާތު ތަކަކީ ހަމައެކަނި ބޭނަކަށް ދެވޭނެ މަޢުލޫމާތުތަކެކެވެ. އެހެންކަމުން މިފަދަ މުހިންމު ކަމަކާއި ގުޅޭގޮތުން ބޭންކުގެ ކަސްޓަމަރުންގެ މެދުގައި އަދި މުޅި މުޖުތަމަޢުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޒިންމާދާރުކަމެއްނެތި މިފަދަ މަޢުލޫމާތު ފެތުރުމަކީ ބޭންކުން އެކަމާއމެދު ވަރަށް ހިތާމަކުރާކަމެއް ކަމަށެވެ.