އެސްއޯއީތަކުގައި 42،000 މުވައްޒަފުން، މަދުކުރަނީ ދަތިނުވާ ގޮތަށް

ސަރުކާރުގެ ވިސްނުމަކީ، އެއްފަހަރާ މުވައްޒަފުން މަދުކުރުން ނޫން ކަމަށާއި، އެކަން ކުރަން އަންގާފައިވާނީ، މުވައްޒަފުންގެ ހައްގުތައް ވެސް ނުގެއްލި އަދި ކުންފުނިތަކުގެ ހިންގުމަށް ވެސް ދަތިނުވާ ގޮތަށް ކަމަށް ޒަމީރު ވިދާޅުވި.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދާ ލަފާކުރެއްވޭ ކަމަށާއި، އެ ކުންފުނިތަކުން މުވައްޒަފުން މަދުކުރަން އެންގީ، ހިންގުމަށް ދަތިނުވާ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ. 

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ހިންގުމުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ހަރަދު ކުޑަކޮށް ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު % 33 މަދުކުރަން ޒަމީރު ވަނީ ޕީސީބީއަށް އަންގަވައިފަ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ވަޒީރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، ހުރިހާ އެސްއޯއީތަކެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 42،000 އަށް އަރާކަމަށް ލަފާކުރެއްވޭ ކަމަށެވެ.

ނަމަވެސް، ސަރުކާރުގެ ވިސްނުމަކީ، އެއްފަހަރާ މުވައްޒަފުން މަދުކުރުން ނޫން ކަމަށާއި، އެކަން ކުރަން އަންގާފައިވާނީ، މުވައްޒަފުންގެ ހައްގުތައް ވެސް ނުގެއްލި އަދި ކުންފުނިތަކުގެ ހިންގުމަށް ވެސް ދަތިނުވާ ގޮތަށް ކަމަށް ޒަމީރު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދެންނެވީ، މާދަމާ ހެނދުނު އިރުއަރަންވާއިރަށް މީހުން ކަނޑާށެކޭއެއް ނޫން. ހަމަޖެހޭ އުސޫލެއްގެ ގޮތުން، އަދި އެމްޕްލޯޔިމަންޓް ގާނޫނާ އެއްގޮތަށް އެކަން ކުރަން އަންގާފަ ވާނީ،" ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މުވައްޒަފުން މަދުކުރާއިރު، ބައެއް ކުންފުނިތަކުން އެ އަދަދަށް މުވައްޒަފުން މަދުކުރަންވެސް ނުޖެހޭނެ ކަމަށެވެ. 

މިގޮތުން، އައިލަންޑް އޭވިއޭޝަން ފަދަ ބައެއް ކުންފުނިތައް 33 ޕަސެންޓު މުވައްޒަފުން މަދު ކުރާނަމަ، ނުހިންގޭ ހާލަތަށް ދާނެކަން މިސާލެއްގެ ގޮތުގައި ޒަމީރު ފާހަގަކުރެއްވި އެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި ފިޔަވަޅުތަކަކީ ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެކެވެ.

މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށާއި، އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓާ ކުރުމަށް ޕީސީބީ އަށް ވަނީ އަންގާފައެވެ. އަދި މި އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.