ފުލުހުން ބުނީ މި މައްސަލައިގައި ވަގަށް ނެގި ހަތަރު މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައި ވަނީ 50،000ރ. ކަމަށެވެ.

މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.
މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު ފުލުހަށް ހުށަހެޅި މި ބޮޑު ވައްކަމުގެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހދ.ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީރު މުހައްމަދު 47، އެވެ.
މިއީ މި މައްސަލައިގައި ހައްޔަރުކުރި ފަސްވަނަ މީހާ އެވެ. މީގެ ކުރިން މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ، ޅ. ނައިފަރު، ކަސްތޫރިމާގެ، މުހައްމަދު ނޫރު އަހުމަދު 40، އާއި ސ. މީދޫ، މޫންލައިޓްވިލާ، މުހައްމަދު އަފްރާހު 40، އާއި ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާއިލް އާސިފް 36، އަދި މ. އޭސިއާ، އަހުމަދު ފާރިސް 39، އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ވަގަށް ނެގި ހަތަރު މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައި ވަނީ 50،000ރ. ކަމަށެވެ.
މި މައްސަލައިގައި ފައިސާ ވަގަށް ނަގާފައި ވަނީ ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު)ގެ ގޭގައި ހުރި ތިޖޫރީ ފަޅާލައިގެންނެވެ. އޭނާއަކީ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ މީހެކެވެ.