އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުން އަންނަ މުޒާހަރާތަކަށް ރައީސް ވަނީ ފާޑު ވިދާޅުވެފަ އެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުން ދާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެ އެވެ.
އއ. ރަސްދޫގައި ޕީއެންސީ މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ އިންތިހާބުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުން ގިނަ ގޮނޑި ޕީއެންސީ އަށް ލިބިފައިވީ ނަމަވެސް ސިޓީތަކާއި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނެގި ރެފަރަންޑަމް އިން ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް ރައްޔިތުން އިދިކޮޅު ފަރާތްތަކަށް އިތުބާރު ކޮށްގެން އިންތިހާބު ކުރުމުން މަގާމާ ހަވާލުވުމުގެ ކުރިން މަގުމައްޗަށް ނުކުމެ ހަޑިހުތުރު ބަހުން ހަޅޭއްލަވައި މުޒާހަރާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ގެންދަނީ އަހުލާގީ އަދި ދީނީ މިންގަނޑުތަކާ ވެސް ހިލާފަށް އަމަލު ކުރަމުންނެވެ.
"ރައްޔިތުން ވޯޓު ދިނީ އެކަން [މުޒަހަރާ] ކުރާކަށް ނޫން. ވޯޓު ދިނީ ކައުންސިލާއި ޑަބްލިއުޑީސީ އާ ހަވާލުވެ ޒިންމާދާރު މަސައްކަތް ކުރަން." ރައީސް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުރި ގޮތުން ކުރިޔަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ލިބޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެން ނަމަވެސް ސަރުކާރުން ގެންދާނީ އިދިކޮޅު މެންބަރުން އިންތިހާބުވި ރަށްރަށަށް ވެސް ފުރިހަމަ އަށް އެއްބާރުލުން ދީ ހަމަހަމަ އަށް ތަރައްގީ ގެންނަން މަސައްކަތް ކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބަށް ފަހު އިދިކޮޅު ފަރާތްތަކުން ވަނީ ސީދާ ހަރަކާތަށް ނުކުމެ މުޒާހަރާ ފަށައިފަ އެވެ. އޭގެ ފަހުން ކޮންމެ ރެއަކު މާލޭގެ މަގުމަތީގައި މުޒާހަރާ ކުރެ އެވެ. އަދި ރައިސް އިސްތިއުފާ ދިނުމަށް ފަހު އިންތިގާލީ ސަރުކާރެއް އެކުލަވާލަން ވެސް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.