ކެބިނެޓަށް ބަދަލު ގެނައީ އިންތިހާބުގެ ނަތީޖާއާ ހެދި: ތަރުޖަމާނު

އެއީ ކުއްލި ނިންމެވުމެއް ނޫން ކަމަށާއި ރޭވުންތަކެއް ރާވައިގެން ނިންމި ނިންމުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކެބިނެޓަށް ގެންނެވި ބަދަލުތަކާ އެކު އާ ވަޒީރުން ހުވާ ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ކެބިނެޓަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރަންޑަމްގެ ނަތީޖާ އައި ގޮތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް އަލަށް އައްޔަން ކުރެއްވި މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް މިރޭ ދެއްވި އިންޓަވިއުއެއް މުންދު ވިދާޅުވީ ނިމިދިޔަ އިންތިހާބުގެ ނަތީޖާ އަށް އެއްގޮތުން ބަލާނަމަ ޕީއެންސީ ކާމިޔާބުވި ނަމަވެސް އިދިކޮޅު އެމްޑީޕީން ވެސް އެ އިންތިހާބު ކާމިޔާބުވި ކަމަށް ބެލެވިދާނެ ކަމަށެވެ.

އެ ނަތީޖާ ގަބޫލުފުޅު ކުރައްވައި ސަރުކާރު ހިންގުން ހަރުދަނާ ކޮށް އިސްލާހު ކުރައްވާނެ ކަމުގެ ޔަގީން ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ކަމަށާއި މިހާރު އެ އަޅުއްވަމުން ގެންދަވަނީ އެ ފިޔަވަޅުތައް ކަމަށް މުންދު ވިދާޅުވި އެވެ.

"ސަރުކާރަކީ އުޅަނދެއް ނަމަ އެއަށް ވުރެ ބާރު ސްޕީޑެއްގައި ދާން ޖެހޭ. އޭގަ އިން އިންޖީނެއް ބަދަލުކުރަން ވިޔަސް." އޭނާ ވިދާޅުވި އެވެ.

ރައީސްގެ އެ ނިންމެވުންތަކަކީ ކުއްލިއަކަށް ހުރެފައި ނިންމި ނިންމުންތަކެއް ނޫން ކަމަށާއި އެއީ ވަރަށް ރަނގަޅު ރޭވުންތަކަކާ އެކީ ނިންމެވި ނިންމެވުންތަކެއް ކަމަށް މުންދު ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ މެންޑޭޓު ބަދަލު ކުރުމުގެ އިތުރުން ސްޓްރަކްޗާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ސިޔާސީ މަގާމްތަކަށް އައްޔަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ އެސެސްމަންޓުތަކެއް ހަދައި އެކަށީގެންވާ މަސައްކަތްތައް ނުކުރައްވާ ފަރާތްތައް ވަކި ކުރައްވާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

އިންތިހާބުގެ ނަތީޖާ އަށް ފަހު 10 މިނިސްޓަރުން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. މިނިސްޓްރީތަކުގެ އަދަދު މަދު ކުރުމުގެ އިތުރުން ބައެއް ކުންފުނިތަކުގެ ވެރިން ވެސް ވަނީ ބަދަލު ކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.