މި އޮފީހަކީ، ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތަކާ ބެހޭ ހުރިހާ ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގާއިމްކުރެއްވި އޮފީހެކެވެ.

ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ގެ ނަމުގައި ހާއްސަ އޮފީހެއް މިއަދު ހުޅުވައިފި އެވެ.
ރައީސް އޮފީހުން ބުނީ މި އޮފީހަކީ، ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތަކާ ބެހޭ ހުރިހާ ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގާއިމްކުރެއްވި އޮފީހެއް ކަމަށެވެ.
ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީހުން ކުރަމުންގެންދާނެ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ހިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުން ހިމެނެ އެވެ.
އަދި ރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައަޅައި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި އިދާރާގެ މަސައްކަތްތައް އަމަލީ ގޮތުން ފެށުމަށްޓަކައި ހަމަޖައްސަން ޖެހޭ އިންތިޒާމުތަކާއި، އެ އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯއްދުމުގެ މަސައްކަތް ރައީސް އޮފީހުން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.