އޭނާ އެ މަގާމަށް އައްޔަނު ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު އިސްތިއުފާ ދެއްވުމުންނެވެ. ހީނާ ވަނީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރުގެ މަގާމަށް ރޭ އައްޔަނު ކުރައްވާފަ އެވެ.

ރައީސް އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަންކަމުގެ މަގާމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އައްޔަނު ކުރައްވައިފި އެވެ.
މުންދު ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނު ކުރެއްވީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.
އޭނާ އެ މަގާމަށް އައްޔަނު ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު އިސްތިއުފާ ދެއްވުމުންނެވެ. ހީނާ ވަނީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރުގެ މަގާމަށް ރޭ އައްޔަނު ކުރައްވާފަ އެވެ.
މުންދުއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ.
ރައީސްއާ ދެކޮޅަށް އަސްމާ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކުވި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް، މިމަހުގެ ހަވަނަ ދުވަހުން މުންދު ވަނީ ސަފީރު ކަމުގެ މަގާމުން ވަކިކޮށްފަ އެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ އެ އޯޑިއޯގައި އަސްމާ ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދިނުމަށް އެދިވަޑައިގެންފަ އެވެ.
އަދި ސިޔާސީ ގޮތުން އޭނާއާ މެދު އެޅޭނެ ފިޔަވަޅެއް ނޯންނާނެކަމަށް ވެސް އެ އޯޑިއޯގައި އަސްމާ ވިދާޅުވެ އެވެ.
މުންދު ވަނީ 2005-2007 އަށް ރައީސް އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްމަންކަން އަދި 2007-2008 އަށް ޕްރެޒިޑެންޝަލް ސްޕޯކްސްޕާސަންކަމުގެ މަގާމު ފުރުއްވާފަ އެވެ.
އަދި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވެ އެވެ.