މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ މަގާމަށް ހަސަން ރަޝީދު އައްޔަނު ކުރެއްވީ މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމަށް، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހަސަން ރަޝީދު އައްޔަނު ކުރައްވައިފި އެވެ.
މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ މަގާމަށް ހަސަން ރަޝީދު އައްޔަނު ކުރެއްވީ މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ހުވައި ކުރެއްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާއަށް މަގާމުގެ ފަތްކޮޅު އަރުއްވައިފަ އެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީ އާ ގުޅިގެން، ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތައް ގެންނަވާނެކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް، ކެބިނެޓުގެ 10 މިނިސްޓަރަކު އިއްޔެ ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފަ އެވެ.
އެއާ އެކު، ރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ، މިނިސްޓްރީތަކުގެ މެންޑޭޓަށް ގެންނެވި ބަދަލުތަކާއެކު، ކެބިނެޓު އަލުން އެކުލަވާލައްވައި، އާ މިނިސްޓަރުން މަގާމުތަކަށް އައްޔަނުކުރައްވައިފަ އެވެ.
ސަރުކާރު ހިންގަމުން އައި 20 މިނިސްޓްރީ، 15 އަށް ކުޑަކުރައްވައި، ރޭ މިނިސްޓަރު އައްޔަނުކުރެއްވި އިރު ފިޝަރީޒް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު އައްޔަނު ކުރައްވާފައެއް ނުވެ އެވެ. ނަމަވެސް އެ ދެ ވުޒާރާއަށް މިހާރު ވަނީ މިނިސްޓަރުން އައްޔަނު ކުރައްވާފަ އެވެ.
އަލަށް އެކުލަވައިލި ކެބިނެޓުގައި އާ ފަސް ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ.
އެގޮތުން ފޮރިން މިނިސްޓަރަކަށް އައްޔަނުކުރައްވާފައިވަނީ، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރު އިރުތިޝާމް އާދަމް އެވެ. އަދި ހެލްތު މިނިސްޓަރަކަށް އައްޔަނުކުރެއްވީ، ބެލްޖިއަމްގައި ހުންނަވާ ދިވެހި ސަފީރު ގީލާ އަލީ އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނުކަމުގައި ހުންނެވި ހީނާ ވަލީދު ވަނީ ކަލްޗާ މިނިސްޓަރަކަށް އައްޔަނުކުރައްވައިފަ އެވެ. އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހަވާލުކުރެއްވީ ކުރީގެ ކްލައިމެޓް އެޑްވައިޒަރު އަލީ ޝަރީފްއާ އެވެ.
ޑިފެންސް މިނިސްޓަރަކަށް އައްޔަނުކުރެއްވު ހަސަން ރަޝީދުވެސް އެއީ މުޅިން އަލަށް ކެބިނެޓަށް އައްޔަނު ކުރެއްވި ބޭފުޅެކެވެ.
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެންނެވި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ލޯކަލް ގަވަމަންޓު މިނިސްޓްރީ އުވާލެއްވުމެވެ.