އިންތިހާބުގެ ހިއްޗާއި ފޮނި | ބޮޑު ދެ ޕާޓީއަށް ބޭނުންވި ބަދަލު ތަ؟

ސިޔާސީ ބޮޑު އެނބުރުމަކަށް ފަހު ދެ ޕާޓީގެ އެތެރޭގެ ތަރުތީބުތައް ބަދަލުކޮށް އާ އަޒުމެއްގައި މަސައްކަތް ފަށުމުން ކޮށްލަން ޖެހޭ އެންމެ މުހިންމު ސުވާލަކީ މި ބަދަލަކީ ރައްޔިތުންގެ އެދުނު ބަދަލު ހެއްޔޭ އެވެ؟

އޭއައި ފޮޓޯއެއް : އިންތިހާބަށްފަހު ބޮޑު ދެ ޕާޓީއާ ގުޅުންހުރި ފަރާތްތަަކަށް ދަނީ ބަދަލުތަކެއް އަންނަމުން

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރަންޑަމްގެ ނަތީޖާ ވެގެން މި ދިޔައީ ރާއްޖޭގެ ބޮޑެ ދެ ޕާޓީއަށް ސިޔާސީ ހަގީގަތްތަކާއި އެތެރޭގެ ހާލަތަށް ލޯ ހުޅުވިގެން ދިޔަ ނަތީޖާ އަކަށެވެ. އިންތިހާބުގައި ޕީއެންސީއަށް ފެނުނު ހިތި ހަގީގަތަކީ ހީކުރި ވަރާ ގާތަށް ވެސް ސަރުކާރަށް ތާއީދެއް ނެތް ކަމެވެ. އަދި ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިއްޖެ ކަމަށް ސަރުކާރަށް ގަބޫލު ކުރެވުނެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ފެނިގެން ދިޔައީ ބަދަލުތައް ގެންނަވާނެ ކަމުގެ ވައުދާއެކު ހިތި ފިލުވަން ކެބިނެޓު "ފޮޅާލި" ތަނެވެ. ސަރުކާރުގެ 10 މިނިސްޓަރަކު ވަކިކުރި އެވެ. އޭގެ ދުވަސްކޮޅެއް ކުރިން ރައީސް އޮފީހުގެ މިނިސްޓަރަކާއި ކުންފުނިތަކުން ފަސް ވެރިންނާއި ސިޔާސީ ވަޒީފާގައި ތިބި އެތައް ބޭފުޅަކު ވަކި ކުރި އެވެ.

"މި ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން އަޅުގަނޑުމެންނަށް ރައްޔިތުން ބުނެދިނީ ބައެއް ކަންކަމަށް ބަދަލުގެންނަން ޖެހޭނެ ކަމަށް، އެ ބަދަލުތައް، އަޅުގަނޑުމެން ސާބިތުކަމާ އެކީ ގެނައުމުގެ ހިތްވަރު މި ޕާޓީގައި އެބަހުރި،" ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ބާރަށު ދައިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވި އެވެ.

އަނެއްކޮޅުން އެ އިންތިހާބުން އެމްޑީޕީ އަށް ފެނުނީ ދެ އަހަރާއި ބަޔަށް ފަހު އަލުން އެ ޕާޓީން ބުނާ ބަޔަކަށް ރައްޔިތުން ވޯޓު ލާން ތައްޔާރަށް ތިބި ކަމެވެ. އެކަމަކު އެ ފޮނި ނަތީޖާއަށް 24 ގަޑިއިރު ނުވަނީސް އެމްޑީޕީގެ މެންބަރުންގެ ކަރުތެރޭ ލީ ކުރިން ނުފިލުވާ ހުރި ހިއްޗެވެ. ކާމިޔާބީ ފާހަގަ ކުރަން އޮތް ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ވާހަކަ ދައްކަން ފުރުސަތެއް ނުދެއްވި އެވެ. އެ މައްސަލަ ހިފައިގެން ދެ ބޭފުޅުން ޕަބްލިކަށް ނުކުތުމުން މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) އަށް ފާޑުކިޔުންތައް އަމާޒުވި އެވެ. 

އެހެންވެ، ޕާޓީގެ "ނަޝީދު-ފައްޔާޒް" ފެކްޝަންގެ ބައެއް ބޭފުޅުން މަގާމްތަކުން ވަކި ކުރި އެވެ. އަނެއްކޮޅުން ގަޕޯ ބޭރުކުރަން ނިންމައި ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮއި އޭނާ އާ ދެކޮޅަށް ހޯދި އެވެ. ނަޝީދު ކުރިން ވިދާޅުވި ގޮތަށް ވަގުތުން ޕާޓީ "ރޫޅާލަން" ހިފި އެވެ. އެ ހަނގުރާމަ "ސީޒް ފަޔާ" އަކަށް ދިޔުމަށް އެއްބަސްވީ ނަޝީދާއި ފައްޔާޒް ބޭނުންވި ގޮތަށް އެ މީހުންގެ ރޯލެއް ޕާޓީ ހިންގުމުގައި އޮންނަން ރައީސް އިބޫގެ ފެކްޝަނުން އެއްބަސްވެގެންނެވެ. އެއާއެކު ޕާޓީ ހިންގުން ހަ މެންބަރުންގެ ވަގުތީ ކޮމިޓީ އަކަށް ބަދަލުކުރި އެވެ.  މިވަގުތަށް އެކަކު ހަމަލާތައް ސަރުކާރާ ދިމާލަށް އަމާޒު ކުރަން ނިންމައި އެމްޑީޕީން ރޭ ވަނީ މަގުމަތީގެ ހަރަކާތްތަކަށް ނުކުމެފަ އެވެ.

އެމްޑީޕީން ކެމްޕޭނު ނިންމާލަން ބޭއްވި ހިނގާލުން --

މިއީ ރައްޔިތުންގެ "ވިންދާ ގުޅޭ" ބަދަލުތަކެއްތަ؟

ސިޔާސީ ބޮޑު އެނބުރުމަކަށް ފަހު ދެ ޕާޓީގެ އެތެރޭގެ ތަރުތީބުތައް ބަދަލުކޮށް އާ އަޒުމެއްގައި މަސައްކަތް ފެށުމުން ކޮށްލަން ޖެހޭ އެންމެ މުހިންމު ސުވާލަކީ މި ބަދަލަކީ ރައްޔިތުންގެ އެދުނު ބަދަލު ހެއްޔޭ އެވެ؟

ކެބިނެޓަށް ބަދަލުތަކެއް ގެނައި އިރު މީހުންގެ ކަންބޮޑުވުން އޮތީ ސިޔާސަތުތަކާ މެދުގައިތޯ ނޫނީ ސަރުކާރުގެ އެ ސިޔާސަތުތައް ތަންފީޒު ކުރައްވަން ތިއްބެވި ބައެއް ބޭފުޅުންނާ މެދުގައި ތޯ އެވެ.

ސޯޝަލް މީޑިއާގައި މި ވާހަކަތައް ދެއްކެވި ގިނަ މީހުންގެ ހުރީ ސަރުކާރު ހިންގި ގޮތާ މެދު ހުރި ކަންބޮޑުވުންތަކެވެ. ކުރީ ސަރުކާރުން ހެދި ހުރިހާ ގޯހެއް މި ސަރުކާރުން ވެސް ތަކުރާރު ކުރި ކަމުގެ ޝަކުވާ އެވެ. ސިޔާސީ މަގާމްތައް ގިނަ ކުރުމެވެ. ކޮރަޕްޝަނާއި އިންތިހާބުތައް ކާމިޔާބު ކުރަން ގައުމުގެ ހާލަތަށް ނުބަލައި ފިޔަވަޅުތައް އެޅުމެވެ. އުސޫލުތައް ބޮލާލައި ޖަހައި ރައްޔިތުން ކައިރީ ނާހާ ގާނޫނުތައް ބަދަލު ކުރަމުން ދިޔަ ގޮތް ފަދަ އެތައް ކަމެެކެވެ.

ސިޔާސީ ގޮތުން މި ނާތީޖާ އެނަލައިޒް ކުރައްވާ ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރުން ހެދި ގޯހަކީ އިބޫ ޖެހި ހިސާބު މި ސަރުކާރުން ވެސް ޖެހުމެވެ. އެއީ ނަޝީދު ނުލައި މުޅި އެމްޑީޕީގެ ސަޕޯޓު ލިބޭނެ ކަމަށް ކުރި ގޮތަށް ރައީސް އަބްދުﷲ ޔާމީން އާ ނުލައި ޕީއެންސީ އަށް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރުމެވެ. އިންތިހާބުގައި މާލެ ސިޓީ މޭޔަރުގެ ނަތީޖާ އަށް ބަލާއިރު ޕީއެންސީ ކެންޑިޑޭޓާއި ޔާމީންގެ ކެންޑިޑޭޓުގެ ވޯޓުތައް އެއްކޮށްލައިފި ނަމަ އެމްޑީޕީ ބަލި ކުރެވޭ ވަރަށް ވޯޓު ހަމަވެ އެވެ. މިއީ ރިޔާސީ އިންތިހާބުގައި އިބޫ އަށް ވެސް ދިމާވި ހާލަތެވެ. އަނެއްކޮޅަށް އެމްޑީޕީ މިދާ މިސްރާބަކީ އެއީ ރައްޔިތުންގެ އެންމެ ބޭނުންވާނެ ގޮތްތޯ އެ ޕާޓީން ވިސްނަން ޖެހެ އެވެ.

ހުރިހާ ބާރެއް އަތުގައި އޮތް އިރު ވެސް އެ ޕާޓީން ވައުދުވި ބޮޑެތި އިސްލާހީ ކަންކަން ނުގެނެ އެވެ. ކޮރަޕްޝަންތައް އިންތިހާ އަށް އޮތެވެ. ފަނޑިޔާރުގެ އިސްލާހެއް ނުކުރެ އެވެ. ސިޔާސީ އެތައް ވަޒީފާއަކާއި ބަދަލު ދިނުންތަކުން އިސްރާފު ކުރި އެވެ. މުހިންމު ބޮޑެތި މަޝްރޫއުތަކެއް ނުހިންގަ އެވެ. ގައުމީ ސަލާމަތާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ރައްޔިތުންގެ ހުރިއިރު ރަނގަޅު ޖަވާބެއް ނުދެއްވާ ގިނަ ކަންކަން ސިއްރު ކުރި އެވެ.

އެކަމަށް އަދި މިވީ ދެ އަހަރާއި ބައެވެ. އަނެއްކާވެސް ވެރިކަމަށް އައުމުގެ މަސައްކަތް އެ ޕާޓީން ފަށާފައިވާ އިރު މި ސިޔާސަތުތައް ބަދަލު ކުރުމަށް ވިސްނުން ހިންގެވީ ކިހާ ވަރަކަށްތޯ ބަލައިލަން ޖެހެ އެވެ. ރަނގަޅު މެނިފެސްޓޯ އެކުލަވާލައި ކުރިން ގޯސްކޮށް ކުރި ކަންކަން ރަނގަޅު ކުރަން ރޭވުމުގެ ބަދަލުގައި އަދިވެސް ފޯކަސް އޮތީ އެތެރޭގެ ޕޮލިޓިކްސް އަށެވެ. ވެރިކަމުގެ ފަސް އަހަރު ވެސް ނިންމީ ހަމަ އެ ގޮތަށް އެތެރޭގެ ތަޅާފޮޅުންތަކަކާ އެކު އެވެ.

ސަރުކާރުގެ ކެބިނެޓާއި އެމްޑީޕީގެ ހިންގުމަށް މި ގެނައި ޝަފަލް އާ ގުޅޭ ގޮތުން މި ސުވާލު އުފެއްދުން މުހިންމު ވަނީ މިހެންވެ އެވެ. އިންތިހާބުން ބޮޑު ދެ ޕާޓީ އަށް ފެނުނީ ހަމައެކަނި ނަމްބަރުތައް ހެއްޔެވެ؟ ނޫނީ އެ ބުނެދިން ވާހަކަ އެނގުނީ ކިހާ ވަރަކަށް ހެއްޔެވެ؟

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.