އެ މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު, ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާ ކުރުމަށް ގެނައި ބަދަލުތަކުގެ ދަށުން އުފެއްދި ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލައިފި އެވެ.
ކެބިނެޓްގައި ހިމެނޭ 20 މިނިސްޓަރުންގެ ތެރެއިން އިއްޔެ ވަނީ 10 މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް ހިމެނިވަޑައިގަންނަވައެވެ.
އެފަހުން ރޭ ވުޒާރާތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެކުލަވައިލި އާ ކެބިނެޓްގައި އެ މިނިސްޓްރީ ހިމަނާފައެއް ނުވެ އެވެ. އެ މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީ ވުޖޫދު ނުވާއިރުވެސް އެ ހުރިހާ މަސައްކަތެއް ބެލެހެއްޓީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.
ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އޮއްވައި މިނިސްޓްރީއެއް އުފެއްދުމުން އޭރު އާންމުންގެ ފާޑުކިޔުންވެސް ސަރުކާރަށް އަމާޒުވި އެވެ.
ރޭ ސަރުކާރުން ގެނައި ބޮޑު ބަދަލާއެކު، ކެބިނެޓް މިހާރު ވަނީ 15 މިނިސްޓަރުންނަށް ކުޑަކޮށްފައެވެ. ކުރިން ވަކިން އޮތް ބައެއް މިނިސްޓްރީތައް ވަނީ އެއްކޮށްލާފައެވެ.