މިއީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި އައްޔަން ކުރެއްވި ތިންވަނަ ޓޫރިޒަމް މިނިސްޓަރެވެ. މިފަހަރު އެއްކޮށްލީ ސިވިލް އޭވިއޭޝަނާއެވެ.

މި ފަހަރު ސަރުކާރު އެއްކޮށްލީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބުކަމަށްވާ ޓޫރިޒަމް މިނިސްޓްރީ އާއި ސިވިލްއޭވިއޭޝަން މިނިސްޓްރީ އެވެ. ކުރިން އޮތީ ތިމާވެށި މިިނިސްޓްރީއާ ޓޫރިޒަމް އެއްކޮށެވެ. އަދި މިނިސްޓަރަކަށް މި ފަހަރު އައްޔަން ކުރެއްވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން އެވެ. މިއީ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ ؟ މި ބަދަލުން ނަތީޖާ ނެރެވިދާނެ ހެއްޔެވެ؟
ފުރަތަމަ ކަމަކަށް މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ތިންވަނަ ޓޫރިޒަމް މިިނިސްޓަރެވެ. ފުރަތަަމަ މިނިސްޓަރަކީ އިބްރާހިމް ފައިސަލް އެވެ. ދެން ހުންނެވީ މިނިސްޓަރު ތޯރިގު އެވެ. ކެބިނެޓަށް ރައީސް އިއްޔެ ގެންނެވި ބަދަލުގެ ކުރީގައި ޓޫރިޒަމް މިނިސްޓްރީން ހިންގަމުން ދިޔައީ ތިމާވެއްޓާ ބެހޭ މިިނިސްޓްރީއާ އެއްކޮށްލައިގެންނެވެ. އިއްޔެއާ ހަމައަށް ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު ތިމާވެއްޓާ ބެހޭ މިނިސްޓަރުކަން ކުރެއްވި ތޯރިގު އިބްރާހިމް އެވެ. ނަމަވެސް މި ފަހަރު ޓޫރިޒަމް މިނިސްޓްރީ ގެންގޮސް ސިވިލް އޭވިއޭޝަންގެ ދަށަށް ބަދަލުކޮށް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކެޕްޓަން އަމީން އެވެ.
ސުވާލަކީ ކެޕްޓަން އަމީން އަށް ޓޫރިޒަމް މިނިސްޓްރީ އޮޕަރޭޓް ކުރެވިދާނެ ހެއްޔެވެ ؟ އަމީންގެ ކިބައިގައި ފެއިލްނުވެ މިކަން ކުރުމުގެ ގާބިލްކަން އެބަހުރި ހެއްޔެވެ؟ ޓްރެކް ރެކޯޑުގެ ކަރުދާހުން ފެންނަނީ ކޮން ނަތީޖާއެއް ހެއްޔެވެ؟
ކެޕްޓަން އަމީންއަކީ ކުރިން ދައުލަތް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ކެޕްޓަން އަމީންއަކީ ސިވިލް އޭވިއޭޝަން ސިނާއަތުގެ ތަޖުރިބާކާރެކެވެ. އެ ދާއިރާ އިން ލަދާދެއްވޭނެ ބަސް ކިޔާނެ ބޭފުޅެކެވެ. މަސައްކަތް ކުރައްވައި ތަޖުރިބާ ވެސް ހޯއްދަވާފައިވަނީ އެ ދާއިރާއިންނެވެ. އެއާ މޯލްޑިވްސް އާއި އައިލެންޑް އޭވިއޭޝަންގައި ވެސް މަސައްކަތް ކުރެއްވި އެވެ. ކިޔަވާ ވިދާޅުވީ ވެސް އެ ދާއިރާއިންނެވެ. އެހެންވެ ޓޫރިޒަމާ ގާތް މި ދާއިރާ އިން އެ މަނިކުފާނަށް ތަޖުރިބާ ތަކެއް ވާނީ ލިބިފަ އެވެ. ނަމަވެސް ސުވާލު އުފެދެނީ ކެޕްޓަން އަމީންގެ ވަޒީރުކަމުގެ ޓްރެކް ރެކޯޑާ މެދުގަ އެވެ.

މި ސަރުކާރުގައި ކެޕްޓަން އަމީން ހުންނެވީ ޓްރާންސްޕޯޓް މިނިސްޓްރީ ހިންގެވުމުގަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީ އަށް ރައްޔިތުން ބޭނުންވާ ފަދަ ހެޔޮ ބަދަލު ތަކެއް ގެނެވިއްޖެ އެވެ؟ ވެރިކަން ބަދަލުވީިއިރު މައްސަލަ ފުނި ޖެހިއޮތް މިނިސްޓްރީ އަށް ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދިއްޖެ އެވެ؟
ކެޕްޓަން އަމީން ޓޫރިޒަމް މިނިސްޓްރީ ހިންގެވުމާ ހަވާލުވި މި ވަގުތަކީ ސުނާމީ އާއި ކޮވިޑަށްފަހު ޓޫރިޒަމަށް އެންމެ ގޮންޖެހުން ބޮޑު ދުވަސްވަރެކެވެ. ދެންވާނެ ގޮތެއް ނޭނގޭ ބޮޑު ހަނގުރާމައެއްގެ ހުޅުގަނޑު މެދުއިރުމަތީގައި ރޯވެފައިވަނިކޮށް އަމީން އެ އިށީންނަވަން ޖެހިފައިވަނީ "ހޫނު ގޮނޑި" އެއްގަ އެވެ. އެންމެ ފުރަތަމަ އަމީންއަށް ޖެހިވަޑައިގަންނަވާނީ މި ގޮންޖެހުންތަކާ ކުރިމަތިލާށެވެ.
ރާއްޖޭގެ އެރައިވަލް ރަނގަޅު ކުރަން ކުރަން ޖެހޭ މަސައްކަތް އިންތިހާ އަށް ގިނަ އެވެ. ސިނާއަތާއި ހިންގަން ތިބި މުވައްޒަފުންގެ ޝަކުވާ މަދެއްނޫނެވެ. ނަމަވެސް މި ބަދަލުގެ ތެރޭން ވެސް ޕޮޒިޓިވް ކަންތައްތަކެއް ނެތެކޭ ނުބުނެވޭނެ އެވެ.
ސިވިލް އޭވިއޭޝަން އާއި ޓޫރިޒަމްއަކީ އެއް ފައިސާ ފޮތީގެ ދެ ފަރާތްހާ ގާތް ދެ ދާއިރާ އެވެ. އެހެންވެ މީގެ ސަބަބުން ރަނގަޅު ބަދަލުތަކަށް އުންމީދުވެސް ކުރެވެ އެވެ. މިވަގުތަކީ ރާއްޖޭގެ ކަނެކްޓިވިޓީ އިތުރު ކުރަން ޖެހިފައިވާ ވަގުތެވެ. މެދުއިރުމަތި ނޫން އެހެން ތަންތާ ކަނެކްޓްކޮށް އެރައިވަލް އިތުރު ކުރަން ޖެހިފައިވާ ވަގުތެވެ. އެހެންވެ ސިވިލް އޭވިއޭޝަން މިނިސްޓްރީ އާއި ޓޫރިޒަމް އެއް ފުރާޅެއްގެ ދަށުން މަސައްކަތްކޮށް މިކަންކަން މިހާރަށްވުރެ ހަލުވިކޮށް ކުރިއަށް ގެންދެވިދާނެ ކަމަށް ބެލެވެ އެވެ. އެހެންވެއްޖެނަމަ ރާއްޖޭގެ ޖުމްލަ އިގްތިސޯދަށް ހެޔޮ ދިރުންތަކެއް އަންނާނެ އެވެ.
ދެން އޮތީ މިއީ ރާއްޖޭގައި އަލަށް ކުރިކަމެއް ތޯ ކޮށްފާނެ ސުވާލެކެވެ. ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ގިނަ ސަރުކާރުތަކުން ހިންގީ ޓޫރިޒަމާ ސިވިލް އޭވިއޭޝަން އެއްކޮށްލައިގެންނެވެ. ރާއްޖޭގެ އިގްތިސާދުގެ މައިނާރަކީ ފަތުރުވެރިކަން ކަމަށްވެފައި، ފަތުރުވެރިން ރާއްޖެއަށް ގެނައުމާއި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ސިވިލް އޭވިއޭޝަނާ ގުޅިފައި އޮތުމުން މި ދެ ބައި އެއްކޮށްލުމަކީ އޭރުގެ ސަރުކާރުން އިސްކަންދިން ކަމެކެވެ.
ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އުފައްދައި އެ މިނިސްޓްރީގެ ވަޒީރުކަން ޑރ. މަހްމޫދު ޝައުގީ 2005 އިން 2008 އަށް ކުރެއްވިއެވެ. އަދި ކުރީެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ޑރ. ޝައުގީ އިސްތިއުފާ ދެއްވުމާ ގުޅިގެން، 2008 ވަނަ އަހަރުގެ ފަހުކޮޅު މި މަގާމު ފުރުއްވިއެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެށުނުއިރު (ނޮވެމްބަރު 2008) މި ދެ ދާއިރާގެ އިތުރުން ކޮމިއުނިކޭޝަންސްވެސް އެއް މިނިސްޓްރީއަކަށް ބަދަލު ކުރެއްވި އެވެ. އަދި މި މިނިސްޓްރީގެ ފުރަތަމަ ވަޒީރަކީ ޑރ. އަހްމަދު އަލީ ސަވާދެވެ. ނަމަވެސް، ފަހުން މިނިސްޓްރީތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާއެކު ސިވިލް އޭވިއޭޝަން ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވުނެވެ.
މިހުރިހާ ބަދަލެއް ގެނައި ދެ މިނިސްޓްރީ އަނެއްކާވެސް މިވަނީ އެއްކޮށްލާފަ އެވެ. ޔަގީނުންވެސް މިހާރުގެ ހާލަތުން މިއީ "ހޫނުގޮނޑީ" އަކަށްވާނެ އެވެ. އެހެންވެ އަމީން ކުރައްވަން ޖެހިވަޑައިގަންނަވާ ފުރަތަމަ ކަމަކީ މިހާރުގެ ހޫނުކަމާ ކުރިމަލެއްވުމެވެ، އެކަމާ ކުރިމަތިލައްވައި ފާސްވާނެތޯ ނުވަތަ ނޫންތޯ އެނގޭތީ އަދި ތަންކޮޅެއް ފަހުންނެވެ.