"މިހެންކަމުން އަޅުގަނޑު ދަންނަވަން ޖެހެނީ މި އަހަރުގެ ރިޔާސީ ބަޔާނަކީ 2025 ވަނަ އަހަރުގެ ކުލަ ނެތް ކޮޕީއެއް ކަމަށް."

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަކީ، މިހާރުގެ ހާލަތާއި އެ ހާލަތު ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ނުހިމެނޭ، މިދިޔަ އަހަރު ވެސް އިއްވެވި ރިޔާސީ ބަޔާނުގެ "ކުލަނެތް ކޮޕީއެއް"ގެ ގޮތުގައި ސިފަކޮށް، އިދިކޮޅު އެމްޑީޕީން އެ ރިޔާސީ ބަޔާނަށް ޖަވާބުދީފި އެވެ.
މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވެވުމުން އެ ރިޔާސީ ބަޔާނުގެ ޖަވާބު އެއިރެއްގައި މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ޕާލަމަންޓްރީ ލީޑަރު ދެއްވަންޖެހެ އެވެ.
އެގޮތުން، މިވަގުތު މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕީއެންސީގެ މެންބަރުންގެ އިތުރުން އެންމެ ގިނަ މެންބަރުން ނިސްބަތްވާ އެމްޑީޕީގެ ޕާލަމަންޓްރީ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ޖަވާބުގައި ވަނީ ގައުމުގެ ހާލަތާއި މިސްރާބު އެ ރިޔާސީ ބަޔާނުގައި ސާފުކޮށް ދެވިފައިނުވާ ކަމަށެވެ.
"މިހެންކަމުން އަޅުގަނޑު ދަންނަވަން ޖެހެނީ މި އަހަރުގެ ރިޔާސީ ބަޔާނަކީ 2025 ވަނަ އަހަރުގެ ކުލަ ނެތް ކޮޕީއެއް ކަމަށް، ކުލަ ނެތް ކޮޕީއެއް ކަމަށް މި ދަންނަވަނީ ފާއިތުވި ދެ އަހަރު މި މަޖިލީހުގައި ތިޔަ އިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި އަދި، މުޅި ރާއްޖޭގެ ރައްޔިތުންނަށް އަޑު އިވޭނޭހެން ވިދާޅުވި ހުވަފެނީ ވާހަކަތަކެއް އެހެން ގޮތަކަށް ބަދަލުކޮށްގެން އަނެއްކާވެސް މިއޮތީ މި މަޖިލީހަށް އިއްވާފައި،" އޭނާ ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވި ގޮތުގައި، އާސަންދަ އިސްލާހުކުރުމާއި ޔޫރަޕުގެ ފެންވަރު ރަނގަޅު ބޭސް ލިބޭނެކަމަށް މި ސަރުކާރުން ވައުދުވެފައިވިޔަސް، އޭގެން އެއްވެސް ކަމެއް ހާސިލުނުވާއިރު، ރާއްޖޭގައި ބޭސް ލިބުމުގެ ޝަކުވާތައް ދަނީ އިތުރުވަމުންނެވެ.
ދަރަނި ނުނަގައި ގައުމު ހިންގާނެކަމަށް ވިދާޅުވިޔަސް، މި ސަރުކާރުން ވަނީ ރާއްޖޭގެ ތާރީހުގައި ވެސް ނުނަގާ މިންވަރަށް ދަރަނި ނަގާފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"މިނިސްޓްރީތަކުން މީހުން ވަކިކޮށް ސަރުކާރު ކުންފުނިތަކަށް ވެއްދިޔަސް، އައިއެމްއެފް އާއި ވޯލްޑް ބޭންކަށް އެކަން އޮޅުވައިނުލެވޭނެކަން ސަރުކާރުން ދަންނަންވެއްޖެ، މި ކަހަލަ ކަންކަން ކުރުމުގެ ސަބަބުން، ރާއްޖޭގެ މާލީ ނިޒާމާމެދު އިރުބާރު ގެއްލި، އަނެއްކާވެސް ކްރެޑިޓް ރޭޓިން ދަށަށ ދިޔުން އެކަށީގެންވާކަން ހިތާމަޔާއެކު ފާހަގަކުރަން،" ނާޒިލް ވިދާޅުވި އެވެ.
އަދި ޒަމާނުއްސުރެ ރާއްޖޭން ދަމަހައްޓަމުން އައި ހަމަހަމަ ހާރިޖީ ސިޔާސަތު ފުނޑާލައި، މި ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަގު ވައްޓާލާފައިވާ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.