ޕީއެންސީން ރޭ ކުރި އިއުލާނެއްގައި ބުނީ، އެ ޕާޓީގެ ޓިކެޓުގައި އެ ގޮނޑިއަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ޕާޓީން ފުރުސަތު ހުޅުވާލައިފި އެވެ.
އެ ބައި އިލެކްޝަން ބާއްވަން ޖެހުނީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް އޮތް ސާބިތު ދަރަންޏެއް ދައްކާފައި ނުވާތީ، އޭނާގެ މަޖިލީސް ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.
ޕީއެންސީން ރޭ ކުރި އިއުލާނެއްގައި ބުނީ، އެ ޕާޓީގެ ޓިކެޓުގައި އެ ގޮނޑިއަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށެވެ.
ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނީ އެ ޕާޓީގެ ވެބްސައިޓް މެދުވެރިކޮށެވެ.
ޕީއެންސީން ބުނީ ޕްރައިމަރީ ބާއްވާނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށެވެ. ނަމަވެސް އެންމެ މީހަކު ކުރިމަތިލައި ޝަރުތު ހަމަވާނަމަ އެމީހަކަށް ޕާޓީގެ ޓިކެޓު ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ބުނެފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ މެންބަރުކަމުގެ ބައި އިލެކްޝަން ބާއްވާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ކަމަށެވެ.