އަސާސީ މުދަލުގެ އަގު ލިސްޓް | ކޮފީގެ އަގު 6.68 % މައްޗަށް

އީސީޕީއައި ދައްކާ ގޮތުން އަހަރުން އަހަރަށް އައި ބަދަލު މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު ބުއިންތަކުގެ އަގު ވަނީ %3.93 މައްޗަށް ގޮސްފަ އެވެ.

މިދިޔަ މާރިޗު މަހު މާލޭގެ ބާޒާރުގައި ކޮފީގެ އަގުތައް 6.68 ޕަސެންޓް މައްޗަށް އުފުލިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މަހަކު އެއްފަަހަރު އާއްމުކުރާ އެސެންޝިއަލް ކޮމޯޑޮޓީސް އިންޑެކްސް (އީސީޕީއައި) ދައްކާ ގޮތުން ބުއިންތަކުގެ އަގުތައް ވަނީ 1.17 ޕަސެންޓް މައްޗަށް އުފުލިފަ އެވެ. މީގެ ތެރޭގައި ކޮފީގެ އަގު 6.68 ޕަސެންޓް މައްޗަށް ދިއުން ފާހަގަކުރެެ އެވެ.

އީސީޕީއައި ދައްކާ ގޮތުން އަހަރުން އަހަރަށް އައި ބަދަލު މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު ބުއިންތަކުގެ އަގު ވަނީ 3.93 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މީގެ ތެރޭގައި ކޮފީގެ ބާވަތްތަކުގެ އަގު 14.30 ޕަސެންޓަށް އުފުލިފައިވާއިރު، ސައިގެ ބާވަތްތަކުގެ އަގު ވަނީ 3.95 ޕަސެންޓަށް އުފުލިފަ އެވެ.

އީސީޕީއައި ދައްކާ ގޮތުން ފެބުރުވަރީ މަހާ އަޅާބަލާއިރު މާރިޗު މަހު މާލޭގެ ޒަރޫރީ މުދަލުގެ އަގުތައް ވަނީ 0.18 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި 2025 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު އަގުތައް ވަނީ 1.33 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

މި އަހަރުގެ ޖެނުއަރީ އާއި ފެބްރުއަރީ މަސް ބަލާއިރު، ކާބޯތަކެތީގެ އަގުތައް ވަނީ ޖުމްލަކޮށް 0.89 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް އަގު ދަށަށް ދިޔައީ މޭވާގެ ބާވަތްތަކުން (14.71 ޕަސެންޓް) ތަރުކާރީން (0.71 ޕަސެންޓް) އަދި ކިރާއި ބިހުގެ ބާވަތްތަކުން (0.41 ޕަސެންޓް) އެވެ. ނަމަވެސް، މަހުގެ އަގު 8.33 ޕަސެންޓް އުފުލިފައިވާއިރު، ތެލާއި ފެޓްގެ ބާވަތްތަކުގެ އަގު ވަނީ 1.60 ޕަސެންޓަށް އުފުލިފަ އެވެ. 

މި މުއްދަތުގައި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ކާބޯތަކެތީގެ އަގު ވަނީ 0.13 ޕަސެންޓް ދަށަށް ގޮސްފައެވެ. މި މުއްދަތުގައި އެންމެ ބޮޑަށް އަގު ދަށަށް ދިޔައީ މޭވާ (15.43 ޕަސެންޓް) އަދި ތަރުކާރީގެ (6.45 ޕަސެންޓް) ބާވަތްތަކުންނެވެ. މިއާ ހިލާފަށް، މަހުގެ އަގު ވަނީ 9.38 ޕަސެންޓަށް އުފުލިފަ އެވެ. އަދި ހަކުރާއި ފޮނިކާތަކެތީގެ ބާވަތްތަކުގެ އަގު ވަނީ 7.43 ޕަސެންޓަށް އުފުލިފަ އެވެ.

އީސީޕީއައި - އީސީޕީއައި ނުވަތަ އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސްއަކީ އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ މުދަލާއި ހިދުމަތްތަކުގެ އަގަށް އަންނަ ބަދަލު މިނެކިރުމަށް ބޭނުންކުރާ މިންގަނޑެކެވެ. މި މިންގަނޑު ބަލަން ބޭސް ޕީރިއަޑްއެއްގެ ގޮތުގައި ކޮންމެ އިންޑެކްސްއަކަށް ވެސް އަޅާކިޔާނެ ވަކި އަހަރެއް ނުވަތަ މަހެއް ކަނޑަ އަޅައިގެންނެވެ. ރާއްޖޭަގައި އީސީޕީއައި ބޭސް ޕީރިއަޑަކީ ނޮވެމްބަރު 2022 އެވެ. މާނައަކީ މިހާރުގެ އަގުތައް މި އަޅާކިޔަނީ 2022 ގެ ނޮވެމްބަރު މަހުގެ އަގުތަކާ އެވެ. އެ މަހުގެ އަގަކީ 100 ކަމަށް ބަލަ އެވެ. އީސީޕީއައި ހިސާބުކުރަނީ އާންމު ގޭބިސީތަކުން އާންމުކޮށް ގަނެއުޅޭ މުދަލާއި ހިދުމަތްތަކުގެ "ވަށިގަނޑެއް" ނުވަތަ ލިސްޓެއް އެކުލަވާލައިގެންނެވެ. މީގެ ތެރޭގައި ހިމެނޭ ކާބޯތަކެތީގެ ބާވަތްތަކަކީ ބަތް، ފުށް، މަސް، ތަރުކާރީ، މޭވާ އެވެ. އަދި ހަކަތައިގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ކަރަންޓު، ފެން، އަދި ކައްކާ ގޭހެވެ. މީގެ އިތުރުން އަމިއްލަ ސާފުތާހިރުކަމުގެ ސާމާނުގެ ތެރޭގައި ހިމެނެނީ ސައިބޯނި، ދަތްއުނގުޅާ ބޭސް، ޝޭމްޕޫ ފަދަ ތަކެއްޗެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.