
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ހުއްޓާ ނުލައި އޮންނަ އުސޫލުގެ ތެރެއިން ކުރިޔަށް ގެންދާނެ ކަމަށް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ މާޗު 1 އިން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގައި ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ކައުންސިލް އިންތިހާބަށް ފަހު މިއަދު ފުރަތަމަ ފަހަރަށް އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރައްވަން އޮތް ނަމަވެސް އެ ބައްދަލުވުން ރައީސް އޮފީހަކުން ނުބާއްވަ އެވެ.
އެކަމާ ގުޅޭ ގޮތުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ރައީސް ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް ކަނޑައަޅާފައިވާ އުސޫލުގެ މަތިން ގަވާއިދުން އެ ބައްދަލުވުން ކުރިޔަށް ދާނެ ކަމަށެވެ.
އެއަށް ފަހު ހީނާ ވަނީ އެ ދުވަހު ރައީސް ސީދާ ވިދާޅުވި ބަސްފުޅު ކުއޯޓް ކުރައްވައިފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ:
"މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން. ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން."
ނޫސްވެރިންގެ ބައްދަލުވުން މިއަދު ކެންސަލް ކުރެއްވި ސީދާ ސަބަބެއް ހީނާ ވިދާޅެއް ނުވެ އެވެ. އަދި ދެން ބާއްވާނެ ދުވަހެއް ވެސް ހާމައެއް ނުކުރައްވަ އެވެ.
އެނާ ވިދާޅުވީ އެ ބައްދަލުވުންތައް ތާވަލު ކުރެވޭނެ ގޮތް ދަންނަވަމުން ގެންދަވާނެ ކަމަށެވެ.