ކުޑޫ ހުށަހެޅި ބިލް ބޭރު، އެ އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހަޅަނީ

މިއަދު ނެގި ވޯޓުގައި 49 މެންބަރުން ވޯޓު ދެއްވީ ބަލައިގަންނަން ނުފެންނަ ކަމަށެވެ. އަދި ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)

މައިމުޅަވުމުގެ ސަބަބުން ތަރިކައިން ބަންޑާރަ ގޯތި ނުލިބޭ ގޮތަށް އޮންނަ އޮތުން ބަދަލު ކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅި ބިލް ބޭރު ކޮށްލައިފި އެވެ.

ބިމާ ބެހޭ ގާނޫނަށް ކުޑޫ ހުށަހެޅި މި އިސްލާހު މަޖިލީހަށް ބަލައިގަތުމާ ގުޅޭ ގޮތުން މިއަދު ނެގި ވޯޓުގައި 49 މެންބަރުން ވޯޓު ދެއްވީ ބަލައިގަންނަން ނުފެންނަ ކަމަށެވެ. އަދި ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

އެ ބިލަށް ބަހުސް ކުރެއްވި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ސަރުކާރުގެ ފަރާތުން ބިމާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި ސަރުކާރުގެ ފަރާތުން ހުށަހަޅާ އެ ބިލުގެ ތެރެއިން މި މައްސަލަ އަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން އެ ބިލް ހުށަހަޅާފައި ވަނީ ސަރުކާރުން އެކަން ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ޝުޖާއު ތުހުމަތު ކުރެއްވި އެވެ. 

"އަޅުގަނޑުމެން އެމްޑީޕީން ހުށަހެޅި އިސްލާހަށް ތާއީދު ނުކުރަނީ [ސަރުކާރުގެ ފަރާތުން] އެ އިސްލާހު އަންނަކަން ދުރާލާ އެނގިގެން ހީލަތްތެރިކަމާއެކީ ވައްދާފައިވާ އިސްލާހަކަށް ވާތީވެ." ޝުޖާއު ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން ކުޑޫ ވިދާޅުވީ އިސްލާކީ ރައީސްގެ އެޖެންޑާގައި އޮތް ކަމަކަށް ވިނަމަވެސް އެއީ ބިލެއް ހުށަހަޅަން ނުޖެހޭ ސަބަބެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުވުމުގެ އިންތިޒާރުގައި އެތައް ރައްޔިތުންތަކެއް ތިބުމުން އެ ބިލް ފާސް ކޮށްދެއްވުމަށް އޭނާ އެދިވަޑައިގަތެވެ. 

މައިމުޅަވުމަކީ މައިންބަފައިން ދުނިޔޭގައި ތިއްބާ ދަރިންމަރުވާ ހާލަތުގައި މަރުވެފައިވާ ދަރިއެއްގެ ދަރިންނަށް ތަރިކަ މުދަލުން ނުލިބޭ ހާލަތެއް ދިމާވުމެވެ.

މިހާރު ގާނޫނުގައި އޮންނަ މާއްދާގައި ބުނަނީ ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި، އެ ގޯއްޗެއް ވަކިގޯތިތަކަކަށް ބައިކޮށް ވަކިކޮށްދެވިދާނެ ކަމަށެވެ.

އެހެންކަމުން މައިމުޅަވާ މީހުންނަށް ތަރިކައިން ބަންޑާރަ ގޯއްޗެއް ލިބޭ ގޮތަކަށް މިހާރު ގާނޫނުގައި ނޯވެ އެވެ. މައިމުޅަވުމުން ތަރިކައިން ލިބޭ ބައި އުނިވުމަކީ އިސްލާމީ ޝަރީއަތުގައި އެކަން އޮންނަ ގޮތެވެ. އެހެންވެ، ކޯޓުތަކުން ތަރިކަ ބެހުމުގައި އަމަލު ކުރަމުންދަނީ އެ އުސޫލަށެވެ.  

ބިމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ މީހުންނާއި އަދި ބިމުގެ ތަނަވަސްކަން ލިބިފައިނުވާ މައިމުޅަވާ ދަރިންގެ މެދުގައި ބަންޑާރަ ބިމުން ލިބިދޭން ޖެހޭނެ ކަމަށެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.