ރާއްޖޭން ވަނީ އިންޑިއާ ކަނޑުގެ މުސްތަގުބަލާއި މަސްލަހަތުތައް ހިމާޔަތްކޮށް، މިކަމުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ހައްގުތަކަށް ރިއާއަތްކޮށްގެން މިކަމުގައި އިންސާފުވެރި ހައްލެއް ހޯދައި ދިނުމަށް އިނގިރޭސި ސަރުކާރަށް ގޮވާލައިފަ އެވެ.

ޗާގޯސްގެ ޖަޒީރާ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުން މި ވަގުތަށް މަޑުޖައްސައިލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.
ޗާގޯސް ޖަޒީރާގެ ތެރެއިން އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ އާއެކު އެ ތަން މޮރިޝަސްއާ ހަވާލުކުރުމަށްޓަކައި އިނގިރޭސި ސަރުކާރުން ދިޔައީ ބިލެއް ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، އިނގިރޭސި ސަރުކާރާ އެކު އެއްބަސްވުމެއްގެ ދަށުން ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގަމުންދާއިރު، ޗާގޯސް މޮރިޝަސް އާ ހަވާލުކުރުމަކީ "މޮޔަ"ކަމެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސިފަކުރައްވައި، އެކަމާ ދެކޮޅު ހައްދަވައިފަ އެވެ.
އެމެރިކާގެ ނުރުހުން އަމާޒުވުމުން، އިނގިރޭސި ސަރުކާރުން ވަނީ މޮރިޝަސްގެ އެއްބަސްވުން މަޑުޖައްސައިލަން ނިންމައިފަ އެވެ. އަދި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ އަންނަ ދައުރަށް އިނގިރޭސި ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި މޮރިޝަސް އެއްބަސްވުމާ ގުޅޭ ބިލު ނުހިމެނެ އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޗާގޯސްގެ މައްޗަށް ރާއްޖޭގެ ހައްގު ބޮޑުއިރު، މޮރިޝަސްގެ އެއްބަސްވުން މަޑުޖައްސައިލުމަކީ ރާއްޖެއާ އެކު ޔޫކޭއިން މަޝްވަރާ ފަށަން ރަނގަޅު ވަގުތު ކަމަށެވެ.
އެއާ އެކު ރާއްޖޭން ވަނީ އިންޑިއާ ކަނޑުގެ މުސްތަގުބަލާއި މަސްލަހަތުތައް ހިމާޔަތްކޮށް، މިކަމުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ހައްގުތަކަށް ރިއާއަތްކޮށްގެން މިކަމުގައި އިންސާފުވެރި ހައްލެއް ހޯދައި ދިނުމަށް އިނގިރޭސި ސަރުކާރަށް ގޮވާލައިފަ އެވެ.
މޮރިޝަސްއަށް ވުރެ ޗާގޯސް ހައްގީ ރާއްޖެއަށް ކަމަށް ބަޔާންކޮށް އިނގިރޭސިވިލާތުގެ ސަރުކާރަށް ދެ ސިޓީއެއް ފޮނުވައި، އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާ އެކު ފޯނު ކޯލަކުން މަޝްވަރާ ކުރައްވާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވައިފަ އެވެ.
މިގޮތުން، ޗާގޯސް ނުވަތަ ފޯޅަވައްސަކީ މީގެ އެތައް ގަރުނެއް ކުރިން ރާއްޖޭގެ ތަނެއް ކަމަށް ތާރީހީ އެކި ފޮތްތަކުގައި ވެސް ލިޔެވިފައި އެބަހުރި ކަމަށާއި، އެހެންކަމުން، އެ ތަން ހައްގުވެރި ގައުމަކާ ހަވާލުކުރަންޏާ، އެ ތަން ހަވާލުކުރަންޖެހޭ ގައުމަކީ ރާއްޖެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ގަބޫލުކުރަން ރާއްޖޭން ދެކޮޅު ހަދާ ކަމަށް ބުނެ، ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ވަގުތީ ގޮތުން ކަނޑައިލަން މޮރިޝަސްގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މޮރިޝަސްގެ ސަރުކާރުގެ މި ނިންމުން އައިސްފައިވަނީ، ކުރީގެ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީ އަނބުރާ ގެންނަން ނިންމަވާފައިވާ ކަމަށާއި، އަދި ރާއްޖެ އާއި ޗާގޯސް އާދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓްނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް) އިން ނިންމި ނިންމުން ބަލައިނުގަންނަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު އިއުލާނުކުރައްވާފައިވަނިކޮށެވެ.
މީގެއިތުރުން، ޗާގޯސް މައްސަލައިގައި ކުރީގެ ސަރުކާރުން އިޓްލޮސްގައި ނެގި ސްޓޭންޑުތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި، އެ ސްޓޭންޑުތައް ނެގި ސަބަބު އޮޅުން ފިލުވުމަށާއި ފިޔަވަޅެއް އަޅަންޖެހޭނެ ފިޔަވަޅެއް އެޅުމަށް އިންކުއަރީ ކޮމިޝަނެއް ހަދަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.