ހަގީގަތުގެ މައްޗަށް ބިނާވާންޖެހޭކަމަށް ބުނެ ބޭސް ނުލިބޭ ކުއްލި މައްސަލަ ބޭރު

ނާޒިމް ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލައަކަށް ވާންޖެހޭނެ ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މައްސަލަތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ މައްސަލައަކަށް ވާންޖެހޭކަމަށް ބުނެ، ރާއްޖޭގައި ބޭސް ނުލިބުމާ ގުޅޭ ކުއްލި މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

މަހަކަށް ވުރެ ގިނަ ދުވަސް ފަހުން މަޖިލީހުން މިއަދު ބޭއްވި ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

އެ މައްސަލައިގައި ކުޑޫ ވިދާޅުވެފައިވަނީ، ހޮސްޕިޓަލުތަކާއި ކުލިނިކްތަކުން ޑޮކްޓަރުންނަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް ލިބެމުން އައި އާސަންދައިގެ ހިދުމަތް އެ ތަންތަނުން ހުއްޓައިލަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން، ބޭސް ސިޓީތަކަށް ބޭސް ނުލިބުމާއި، ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ފޯރުކޮށްނުދެވޭ ޝަކުވާ އާންމުންގެ ފަރާތުން އިތުރުވެފައިވާ ކަމަށް އެ މައްސަލައިގައި ވެ އެވެ.

މިގޮތުން، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ކާންދޭން ބޭނުންވާ ފީޑިން ޓިއުބެއް އާސަންދަ މެދުވެރިކޮށް ލިބުން ލަސްވެގެން އެ ކުއްޖާގެ ފުރާނަ ގެއްލުނުކަމަށް ކުރާ ތުހުމަތުތައް އެ މައްސަލައިގައި ކުޑޫ ވަނީ ފާހަގަކުރައްވައިފަ އެވެ.

ނަމަވެސް، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލައަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި ބަޔާންކުރާ ކަންކަމަކީ ހަގީގަތެއްކަން ކަށަވަރުކުރުމަކީ މައްސަލަ ހުށަހަޅާ މެމްބަރު ކަށަވަރުކުރަންޖެހޭ ކަމެއް ކަމަށްވެސް، ނާޒިމް ވިދާޅުވި އެވެ.

އެ ކަން ފުރިހަމަ ނުވުމުގެ އިތުރުން، ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވާ ކަމެއް ދިމާވާންޖެހޭނީ ކުއްލިއަކަށް ކަމާއި، އެ ޝަރުތުވެސް ފުރިހަމަނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެހެންކަމުން، ކުޑޫ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ނިންމަވައި، ނާޒިމް ވަނީ އެ މައްސަލަ އަނބުރާ ފޮނުވައިލައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.