ނާޒިމް ވިދާޅުވީ "ވަންގަވް" މެދުވެރިކޮށް ތެލެސީމިއާ ކުދިން ރަޖިސްޓްރީ ވުމާއި ރަޖިސްޓްރީ ބެލެހެއްޓުމުގެ މަސައްކަތް މި އަހަރު ޖެނުއަރީގައި ފަށާފައިވާ ކަމަށެވެ.

ތެލެސީމިއާ ޕޭޝަންޓުންގެ ދަފްތަރު ޑިޖިޓަލްކޮށް އޮންލައިން އޮންލައިން ޕްލެޓްފޯމެއް ގާއިމް ކުރުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހަށް ނިންމާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާ ސަބަބާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބެއްގަ އެވެ.
ކުޑޫގެ ސުވާލަކީ ލޭގެ ހިދުމަތާ ބެހޭ ގައުމީ ނިޒާމް ގާއިމް ކުރުމާއި އެ ފަރާތްތަކުގެ ލޭގެ ތަފްސީލީ ދަފްތަރެއް ގާއިމް ނުކުރެވިގެން ގިނަ ދުވަސް ވަނީ ކީއްވެގެންތޯ އެވެ. އަދި ލޭ ހޯދުމާއި ދިނުމުގައި މިހާރު މި ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ނުލިބިގެން މިއުޅެނީ ކީއްވެގެން ތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އެކަމާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ "ވަންގަވް" މެދުވެރިކޮށް ތެލެސީމިއާ ކުދިން ރަޖިސްޓްރީ ވުމާއި ރަޖިސްޓްރީ ބެލެހެއްޓުމުގެ މަސައްކަތް މި އަހަރު ޖެނުއަރީގައި ފަށާފައިވާ ކަމަށެވެ. އަދި ލޭ ހަދިޔާ ކުރުމުގެ ރަޖިސްޓްރި މިވަގުތު ބަލަހައްޓަމުން އަންނަ މެނުއަލް ސިސްޓަމުން އޮންލައިން ސިސްޓަމަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށާއި ޑޯނާ ރަޖިސްޓްރި އާއި ޑޯނާ ރެކްރޫޓްމަންޓް ޕޯޓަލް ވެބްސައިޓާއެކު ހާއްސަ އެޕެއް އަންނަ އޮކްޓޯބަރު ބޭނުން ކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"[އެ ހިދުމަތްތައް ފެށުމުން] ގައުމީ ޑޭޓާ ބޭސް ވުޖޫދުވެ ވަށައި ޖެހޭ ހައްލެއް އައިޓީގެ ޒަރިއްޔާ އިން ލިބިގެން ދާނެ." ނާޒިމް ވިދާޅުވި އެވެ.
ލޭގެ ބަލިތަކަށް ހާއްސަ ކުރެވިެގން ވަށައި ޖެހޭ ފަރުވާގެ ނިޒާމެއް ގައިމް ކުރުމަކީ ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ނާޒިމް ވިދާޅުވީ އެ ވައުދު ފުއްދުމަށްޓަކައި ލޭގެ ގައުމީ ހިދުމަތުގެ ނިޒާމް ގާއިމް ކޮށް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ބްލަޑް ބޭންކް ގާއިމްކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ތެލެސީމިއާ ހުންނަ ފަރާތްތަކާއި އެހެން ބޭނުންތަކަށް ވެސް ގަވާއިދުން ލޭ އަޅަން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ދިނުމަށް ލެބޯޓޮރީ ޓެކްނޮލޮޖިސްޓުންގެ ވަޒީފާ ހަމަޖައްސައި 108 ރަށެއްގައި ޓްރާންސްފިއުޝަން ސެންޓަރު ގާއިމް ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.