ބޮޑު ދަަރަނި ދެއްކުމުގެ ހަގީގީ ފައިދާ މި ވަގުތު ނުފެންނަނީ ހަނގުރާމައާހެދި

ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ހަނގުރާމަ ނިމެމުންދާ ވަރަކަށް މީގެ ފައިދާ ރާއްޖެއަށް ދާނީ ކުރަމުންނެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެއް ފަހަރާ ދެއްކި އެންމެ ބޮޑު ދަރަންޏާއެކު އިގްތިސޯދަށް ކުރާނެ ފައިދާ މި ވަގުތު ނުފެންނަނީ ދުނިޔެ ހަނގުރާއިގެ ތެރޭގައި އޮތުމުން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ. 

ރާއްޖޭން ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި ނުދެއްކި "ބަނގުރޫޓުވާނެ" ކަމަށް ތާއަބަދު ދައްކަމުން ދިޔަ ވާހަކަ ހުއްޓިގެން ގޮސްފައިމިވަނީ މިދިޔަ ހަފުތާގައި ސަރުކާރުން މި ދަރަނި އެއް ފަހަރާ އަދާކުރުމުންނެވެ. މިކަންކޮށްފައިވަނީ ފަހަށް ރައްކާކުރާ ފަންޑް ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އާއި ރާއްޖޭގެ ޔޫޒަބަލް ރިޒާވުން ފައިސާ ނަގައިގެންނެވެ.

މި ތާރީހީ ކާމިޔާބީއާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބޮޑު ދަރަނި ދެއްކި ވަގުތަކީ ބަދުނަސީބަކުން ނަމަވެސް ދުނިޔެ ހަނގުރާމައެއްގެ މެދުގައި އޮތްވަގުތަކަށްވުމުން މީގެން މި ވަގުތަށް އަންނާނެ ފައިދާ ފެންނަން ވަގުތު ނަގަމުންދާ ކަމަށެވެ. 

"ސްކޫކް ދެއްކިނަމަވެސް އެއްވެސް ކްރެޑިޓް ރޭޓިން އެޖެންސީއަކުން ބަދަލެއް ނުގަނޭ. ބެލެވެނީ އަންސާނިޓިޓީ [ހަނގުރާމައިގެ ސަބަބުން ވާނުވާ ނޭނގޭ ހާލަތެއް] ގައި ދުނިޔެ އޮތުމުން ކަމަށް. އެހެންވެ މަޝްވަރާކޮށް އަޅުގަނޑުމެންގެ ހުރިހާ ފިގާސްތަކާއެކު ފޯކާސް ކުރެވޭ ގޮތް ވާނީ އެ ފަރާތްތަކާ ހިއްސާކޮށްފަ،" ޒަމީރު ވިދާޅުވި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ހަނގުރާމަ ނިމިގެންދާއިރު ރައީސް ނިންމެނި ނިންވުމުގެ ސަބަބުން ފައިދާތައް ކުރާނެ އެވެ،

"ދަރަނީގެ ނިސްބަތް ކުޑަވެގެން ދިއުމާ. މާތްﷲ ގެ ރަހުމަތުން މާ ގިނަ ދުވަހެއް ނުވެ އެ ދުވަސް ފެނިގެންދާނެ. ދަރަނީގެ ނިސްބަތް ކުޑަވެގެން ދިއުން،" ޒަމީރު ވިދާޅުވި އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަޖެޓު ސަޕޯޓަށް 2021 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ސަރުކާރުން ނެގި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަނބުރާ ދައްކާފައިވަނީ އިތުރުން އޭގެ އިންޓަރެސްޓެއްވާ 25 މިލިއަން ޑޮލަރާ އެކު، ޖުމްލަ 525 މިލިއަން ޑޮލަރާ އެކުގަ އެވެ.  

މި ދަރަނި ދެއްކުމާ ބެހޭ ގޮތުން ފިނޭންސުން ކުރިން ނެރުނު ބަޔާނުގައި ބުނީ މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައި ރައީސް ސޯލިހުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. އަދި މި ސުކޫކަކީ ދުނިޔޭގެ އިޤްތިސާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއްކަންވެސް މާލީ ވުޒާރާއިން ފާހަގަކުރިއެވެ. އަދި 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި މިހާރުގެ ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތަށާއި އިޤްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނޭހެން ދަރަނި އަދާކުރުމަށް ހާއްސަ އިސްކަމެއް ދީފައެވެ.

ފިނޭންސް އިން ބުނީ މިގޮތުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ އެސްޑީއެފް ފަންޑަށް ބޭރު ފައިސާ ޖަމާކުރަން ފެށުމެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ސަރުކާރުން ވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓުތަކަށް ބަދަލު ގެނެސް، ފަންޑަށް ވަންނަ ފައިސާ އިތުރުކޮށްފަ އެވެ. މި ބަދަލު ގެނެސްފައިވަނީ އެއާޕޯޓުން ދަތުރުކުރާ ދިވެހިންނަށް އެއްވެސް ބުރައަކަށް ނުވާނޭ ގޮތުގެ މަތިންނެވެ.

މި ފިޔަވަޅުތަކާއެކު އެސްޑީއެފް ފަންޑުގައި ހުރި ބޭރު ފައިސާގެ އަދަދު ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ. އަދި ދައުލަތުގެ ރަސްމީ ރިޒާވް މިދިޔަ މަސް ނިމުނުއިރު، މިހާރު 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ މަތިވި ފަހަރެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ސުކޫކް ދައްކާ ނިމުމާއެކު ވެސް، ރައްޔިތުންނަށް ބޭނުންވާ ތެލާއި، އަސާސީ ހިދުމަތްތަކާއި، މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، އިޤްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފައިވެ އެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މާލީ ވުޒާރާއިން ހާމަކުރެއެވެ. އެގޮތުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށް މާލީ ވުޒާރާ އިން ބުނެފައިވެ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހަމަޖެހުން ދަމަހައްޓައި، ދައުލަތުގެ ދަރަނި ދަށްކުރެވެނިވި މަގަކަށް ރުޖޫޢަކުރުން ކަމަށްވެސް މާލީ ވުޒާރާގެ ބަޔާނުގައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.