އެގައުމުގެ ނޫސްތަކުގައި ބުނީ، މިދަތުރުފުޅުގެ މައިގަނޑު އެއް އަމާޒަކީ ދެގައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް، އާ އިންވެސްޓްމެންޓްތަކަށް މަގުފަހި ކުރުން ކަމަށެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ސްރީލަންކާއަށް ވަޑައިގަތުމަށް ނިންމައިފި އެވެ.
ލަންކާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސްއާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނީ، މިދަތުރުފުޅުގެ މައިގަނޑު އެއް އަމާޒަކީ ދެގައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް، އާ އިންވެސްޓްމެންޓްތަކަށް މަގުފަހި ކުރުން ކަމަށެވެ.
ދެ ގައުމުގެ މަސްވެރިކަމުގެ ސިނާއަތް ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަށް ހޯދުމުގެ މަޝްވަރާތައް މިހާރުވެސް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އެގޮތުން ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އަދި ލަންކާގެ ފިޝަރީޒް މިނިސްޓަރު ރާމަލިންގަމް ޗަންދުރަސޭކަރު ބައްދަލުކުރައްވައި، ރާއްޖޭން ބާނާ މަސް، ލަންކާގެ ދަޅުމަހުގެ ސިނާއަތާ އެއްކޮށްލައި، އާ އުފެއްދުންތައް ތައާރަފް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.
އޭގެ އިތުރުން، ދެގައުމުގެ މެދުގައި މުދާ ފޯރުކޮށްދިނުމުގެ ސީދާ ނިޒާމެއް ގާއިމްކުރުމަށްވެސް މަޝްވަރާކޮށްފައިވެއެވެ. މިހާރު ލަންކާ ލޭބަލް ޖެހި މުދާ ރާއްޖެ އެތެރެކުރަނީ ޔޫއޭއީ މެދުވެރިކޮށެވެ.
މިއީ ލަންކާއަށް ރައީސް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު، ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް ރާއްޖެއަށް ވަޑައިގެންފަ އެވެ.